މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރު ދިއުމަށް ހަދާ ޕިކްނިކް އައިލެންޑް ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕިކްނިކް އައިލެންޑް ހިއްކުމުގެ މަސައްކަތް ފަށަން ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.

ކ. ކުޑަގިރީގައި ތަރައްގީކުރާ މި ޕިކްނިކް އައިލެންޑް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް އަންނަ އަހަރުގެ އޭޕްރިލް މަހުގެ ކުރިން ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ކުޑަގިރީގައި ޕިކްނިކް އައިލެންޑް ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ ފަސް މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ އަގަކީ 48.41 މިލިއަން ރުފިޔާ އެވެ.

މި މަޝްރޫޢުގެ ދަށުން، 8 ހެކްޓަރުގެ ބިން ހިއްކުމާއި، 27.397 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށިލުމާއި، 32.428 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. އަދި މި މަޝްރޫއުގެ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

މާލެއާ 10.5 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަގިރި ފަޅުގައި ދެ ރަށް ހިއްކާނެ އެވެ. އެއީ އަށް ހެކްޓަރުގެ ޕިކްނިކް އައިލެންޑަކާއި ސޭންޑް ބޭންކް ގޮތަށް ހަދާ 1.5 ހެކްޓަރުގެ ރަށެކެވެ.