ހުރިހާ ބޭފުޅުން ގުޅިގެން ކުރަމުންގެންދާ މަސައްކަތް ކުރިއަށް ގެންދެވުމަށާއި އެއިރުން މާތް ﷲ ގެ އިރާދަފުޅާއެކު، އެ މަސައްކަތުގެ ފޮނި މީރުކަން ލިބޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މެދުވެރިކުރައްވައި ދެއްވި މެސެޖެއްގަ އެވެ.
ރައީސް ޔާމީން ވިދާޅުވީ ދިވެހިރާއްޖެ އަށް އިގްތިސާދީ ތަރައްގީ އާއި ކުރިއެރުން ގެނެސްދެވުނު ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށެވެ. މާތް ﷲގެ އިރާދަފުޅާއެކު، އަނެއްކާވެސް އަލުން ޕީޕީއެމް އަށް ރާއްޖޭގެ އިގްތިސާދު ސަލާމަތްކޮށް، ޝަރުއީ އަދި ގާނޫނީ ދާއިރާ އަށް މާނަވީ އިސްލާހުތައް ގެނެސް، ސިޔާސީ ފަރާތްތަކުގެ ވަކިތަކުން ޖޭއެސްސީ މިންޖުކޮށްދެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީން މާފުށީ ޖަލުގައި މިއަދުވެސް އެ ހުންނެވީ ރައްޔިތުންނަށްޓަކައި ސާބިތުކަމާއެކު ކަމަށެވެ.
"އަޅުގަނޑާއެކު މާފުށީ ދަތުރުތަކުގައި ޢާންމުކޮށް ބަައިވެރިވާ އަޅުގަނޑުގެ ގާނޫނީ ޓީމުގައި ހިމެނޭ ޝިޔާޒް އަދި ޝަމީމް، ކޯޓުގެ ޝަރީއަތްތަކުގައި މިއަދު އުޅެންޖެހުމުން މިއަދު ދަތުރުކުރަން ޖެހުނީ އެކަނި. ރައީސް ޔާމީން މާފުށީ ޖަލުގައި މިއަދުވެސް އެ ހުންނެވީ ރައްޔިތުންނަށްޓަކައި ސާބިތުކަމާއިއެކު،" ޑރ. ޖަމީލް ވިދާޅުވި އެވެ.
ރާއްޖޭގެ ތަރައްގީގައި އެ މަނިކުފާނު ގެންނެވި އުޖާލާ އުއްމީދު މިއަދު ފާހަގަކުރެވެނީ، ތާރީޚުން ނުފެންނަ ވަރުގެ ބިޔަ ބޮޑު ތަރައްޤީއެއްގެ ގޮތުގައި ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.