ރާއްޖެއަށް ކަނޑުމަގުން 100 ކިލޯއަށް ވުރެން ގިނަ އަދަދެއް މަސްތުވާތަކެތި އެތެރެކުރުން އުޅުނު މައްސަލާގައި ހައްޔަރުކުރި ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހު ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން 100 ކިލޯ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި މީހުންގެ ތެރެއިން ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރީ ނ. ވެލިދޫ، ބީޗްހެވެން، ޖުމާން މުސްތަފާ (19އ) އާއި، ލ. ކަލައިދޫ، މުހައްމަދު އަހްމަދު (34އ) އެވެ.

މި އަޑުއެހުމުގައި އެ ދެ މީހުންގެ ބަންދު އިތުރުކޮށްފައިވާއިރު، މިއީ އެދެމީހުންގެ ބަންދު އިތުރުކުރާ ތިންވަނަ ފަހަރެވެ. އެގޮތުން ކްރިމިނަލް ކޯޓުން އިއްޔެ ދީފައި ވަނީ ފަސް ދުވަހެވެ.

މި މީހުން ހައްޔަރުކުރި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލެ އާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެގޮތުން، 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދާފައި ވަނީ ފަޅު ރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާ ގައި ފޮރުވާފައި ހުއްޓަ އެވެ.

މި އޮޕަރޭޝަންގެ އިތުރުން، މި ފަހުން ހިންގި އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި ވެސް އަތުލައިގެންފައިވެ އެވެ. އެ އޮޕަރޭޝަންގައި ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ.

މި ދެމައްސަލަވެސް ފުލުހުންގެ ހިދުމަތުގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.