ކުރިއަށް އޮތް ދެ އަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނެ އެއްކަމަކީ، ޖަމާއަތުގެ މަސަލަސްކަން ހިފެހެއްޓުމަށް ކަމަށާއި، ސަރުކާރުގެ ހުރިހާ ވަގުތަކާއި، މަސައްކަތްތަކާއި، ހަކަތައެއް ހުސްކުރާނީ ދިވެހިރައްޔިތުންގެ އުފާފާގަތިކަމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 54 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ގައުމާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ޖުމްހޫރީ މައިދާނުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މި ސަރުކާރުން ސިޔާސީ ފަލްސަފާ ކުރިއަށްގެންދަވާ ގޮތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން މިސަރުކާރުގެ ސިޔާސީ ފަލްސަފާ އަކީ، ދެބަސްވުމަށް އެއްބަސްވެ، ސިޔާސީ މައިދާނުގައި ހުރި ތަފާތުތަކާއި، ފުށުއެރުމާއި، ފަރަގުތައް ހިފައިގެން ވެސް އެކުގައި ކުރިއަށް ދިއުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ. އަދި ސަރުކާރުން ވޭތުވެދިޔަ ތިންއަހަރު އިޖުތިމާޢީ މަސްލަހަތު ހިފަހައްޓައި ދެމެހެއްޓުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ނޮވެންބަރު ނުވަވަނަ ދުވަހު ކަނޑައެޅުއްވި މިނިމަމްވޭޖާއި ގުޅޭގޮތުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވަނީ ސަރުކާރުން ކަނޑައެޅުއްވި އެންމެ ކުޑަވެގެންދެވޭނެ އުޖޫރައަކީ މި ޖުމްހޫރީ ދުވަހު ދިވެހި ރައްޔިތުންނަށް ދެވޭ އެންމެ ބޮޑު ހަދިޔާގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ. އަދި އެކަމުގެ ސަބަބުން ދިވެހި މުޖުތަމައަށް ލިބިގެންދާނެ ފައިދާތަކުގެ މައްޗަށްވެސް މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މި ސިޔާސަތުގެ ސަބަބުން ވަޒީފާތަކަށް ގާބިލު މުވައްޒަފުން ހޯދުމަށް މަގުފަހިވެ، އުފެއްދުންތެރިކަމާ ނަފާވެރިކަން އިތުރުވުމަށް ބާރުއެޅިގެންދާނެ ކަމަށެވެ.

ހަމަ އެއާއެކު، މި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ ވަޒީފާނެތް ފަރާތްތަކަށް ފަސޭހަކަމާއިއެކު ވަޒީފާ ހޯދޭނެ މަގު އޮންނަންޖެހޭނެކަމަށާއި ވަޒީފާދޭ ފަރާތްތަކަށް ފަސޭހަކަމާއެކު ވަޒީފާއަށް މީހުން ނެގުމުގެ މަގުފަހިވެފައި އޮތުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލައްވާފަ އެވެ. އަދި އެކަމަށްޓަކައި ސަރުކާރުން ކަނޑައެޅުއްވި ސިޔާސަތަކީ ޖޮބް ސެންޓަރުގެ އޮފީސްތައް އަތޮޅުތެރޭގައި ގާއިމްކުރުން ކަމަށާއި އަދި އެކަން ކުރުމަށް ބަޖެޓުގައި މިހާރު ފައިސާ ހިމަނާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މުޖުތައުގެ ހަމަޖެހުމަށްޓަކައި ސަރުކާރުން ކުރައްވާ ކަންތައްތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މަސްތުވާތަކެތިން މުޖުތަމައު ސަލާމަތްކުރުމަށް ސަރުކާރުން ކުރައްވާ މުހިންމު ބުރަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފަ އެވެ. އަދި މަސްތުވާތަކެތިން މުޖުތަމައު ސަލާމަތްކުރުމަށް މުޖުތަމަޢާ ގުޅިގެން ފުޅާދާއިރާއެއްގައި މަސައްކަތްކުރުމަށް ސަރުކާރުން އިސްކަންދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ކޮމިއުނިޓީ ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށް މިހާރު ބަޖެޓްކުރެވިފައިވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވަނީ ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށް ދޭ ހިދުމަތް އަވަސްކުރަންޖެހޭކަމުގައި ފާހަގަކުރައްވާފަ އެވެ. އަދި ކުރިއަށް އޮތް އަހަރު އެކަމަށް އިސްކަންދެއްވާނެ ކަމަށާ، ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް އަންނަ އަހަރަށް ވަރަށްބޮޑު އަހަންމިއްޔަތުކަމެއްދެއްވައިގެން ބަޖެޓުކުރައްވާފައިވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ.