ދިވެހިރާއްޖޭގެ ފޮރިން ސަވިސްއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލަކީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 31 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

ދިވެހިރާއްޖޭގެ ފޮރިން ސަވިސްގެ ގާނޫނަކީ، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ހިންގައި ތަންފީޒުކުރުމަށް ފޮރިން ސަވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކޮށް، އެ ހިދުމަތް ރޭވިފައިވާ ގޮތާއި، ފޮރިން ސަވިސް ހިންގުމާގުޅޭ އުސޫލުތަކާއި، އެ ސަވިސްގެ މުވައްޒަފުންނާ ގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު "ދިވެހިރާއްޖޭގެ ފޮރިން ސަވިސް" ގެ ނަމުގައި، ދިވެހި ސިވިލް ސަވިސްގައި ނުހިމެނޭ ވަކި ހިދުމަތެއް ގާއިމުކުރެވޭނެ އެވެ. އަދި، ފޮރިން ސާވިސް އެކުލެވިގެންވަނީ، މިނިސްޓްރީއާއި، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލާ ޕޯސްޓުތަކާއި، މި ގާނޫނުގެ ދަށުން އެކުލަވާލާ ފޮރިން ސާވިސްގެ މައްޗަށް ކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

މި ގާނޫނުގައި ވާގޮތުން ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އެ ސިޔާސަތު ހިނގާނުހިނގާ ގޮތް ބެލުމުގެ އެންމެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އަންގާ ގޮތެއްގެމަތިން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފޮރިން ސަވިސްގެ އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސްވެރިއަކީ މިނިސްޓަރެވެ.

ގާނޫނުގައިވާ ގޮތުން ފޮރިން ސަވިސްގެ އެންމެހައި ކަންކަން ދުވަހުން ދުވަހަށް ހިންގުމުގައި މިނިސްޓަރަށް އެހީތެރިވެދިނުމަށްޓަކައި، ފޮރިން ސެކްރެޓަރީއެއް ހުންނަންވާނެ އެވެ. އަދި، ފޮރިން ސެކްރެޓަރީއަކީ ފޮރިން ސަރވިސްގެ އެންމެ އިސް މުވައްޒަފުކަމަށާއި، ފޮރިން ސަރވިސްގެ އެހެން ހުރިހާ މުވައްޒަފުންނާއި، ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާއަދާކުރާ ފޮރިން ސަވިސްއިން ބޭރުގެ މުވައްޒަފުންވެސް މަސައްކަތް ކުރާނީ، ފޮރިން ސެކްރެޓަރީގެ އިރުސާދުގެ ދަށުންކަމުގައި މި ގާނޫނުގައި ވެ އެވެ. ފޮރިން ސެކްރެޓަރީގެ މަގާމަށް މީހަކު އައްޔަންކޮށް ވަކިކުރާނީ، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި، ފޮރިން ސަވިސް އެކުލަވާލަންވާނެކަމަށާއި، ދިވެހިރާއްޖޭގެ ފޮރިން ސަވިސް ބެހިގެންވަނީ އެގްޒެކެޓިވް ސަވިސް ސްޓާފުން، އަދި ޖެނެރަލް ސަވިސް ސްޓާފުންގެ މަގާމުތަކުގެ މައްޗަށްކަމުގައި ގާނޫނުގައި ވެ އެވެ.

މީގެ އިތުރުން ވެސް މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މިނިސްޓްރީގެ ދަށުން ހިނގަމުންއައި ފޮރިން ސަވިސް އިންސްޓިޓިއުޓްގެ އެންމެހައި މަސައްކަތްތައް ގާނޫނުގެ ދަށުން ބާރުލިބިގެން ކުރިއަށް ގެންދެވޭ އިންސްޓިޓިއުޓްއަކަށް ބަދަލުވެގެންދާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ބިލު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފަ އެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީހުން ފެށިގެން 6 މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.