އިންޑިއާގެ މަގުބޫލު ރިއަލިޓީ ޝޯ ކަމަށްވާ "ބިގް ބޮސް 15" އިން ޖޭ ބާނުޝާލީ، ނެހާ ބަހިސް އަދި ވިޝާލް ކޯޓިއަން ބޭރުވެއްޖެ އެވެ.
ކަލާޒް ޓީވީ ގެނެސްދޭ "ބިގް ބޮސް 15" ގައި ކޮންމެ ހަފްތާއަކު ތަފާތު ހާދިސާތަކެއް ހިންގަމުން އަންނައިރު ނިމިގެންދިޔަ ހަފްތާގައި ވަނީ ޝޯގެ ބައިވެރިންނާއެކު "ބިގް ބޮސް" ގޭގެ ތެރޭގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. އަދި އެބައްދަލުވުމުގައި ބައިވެރިންނަށް އެކި ކަހަލަ ސުވާލުތަކަށް ޖަވާބުދޭ ޖެހުނުއިރު ބޮޓަމް ހަ ބައިވެރިން ވަނީ ހޮވާފަ އެވެ.
މިބައިވެރިންގެ ތެރެއިން ސިންބާ ޝޯއިން ވަކިވެގެން ގޮސްފައިވާއިރު ރޭގެ ޝޯއިންވެސް ވަނީ ތިން ބައިވެރިޔަކު ވަކިވެގެން ގޮސްފަ އެވެ.
އެގޮތުން މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގް އަދި އެނާގެ ފިރިމީހާ ހަރްޝް ލިމްބަޗިޔާ ވަނީ "ބިގް ބޮސް 15" ބޮޓަމް ފަސް ބައިވެރިންނަށް ޓާސްކެއް ހާވާލުކޮށްފަ އެވެ. މިޓާސްކް ބަލިވެގެން ވިޝާލް، ނެހޭ އަދި ޖޭ ވަނީ ޝޯއާ އަލްވަދާއު ކިޔާފަ އެވެ.
ތިން ބައިވެރިން ކަޓައިގެން ދިޔައިރު މިރޭގެ އެޕިސޯޓުގައި އަލަން އަންނަ ވައިލްޑްކާޑް އެންޓްރީ ބިގްބޮސްގެ ގޭތެރެއަށް ވަންނާނެވެ. އޭގެ ތެރޭގައި ޑެވޮލީނާ ބައްޓަޗާރީ، ރަޝްމީ ދެސާއީ އަދި އަބީޖީތް ބިޗުކަލޭ ހިމެނެއެވެ. ނަމަވެސް އަބީޖީތު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އޭނާ ވައިލްޑްކާޑުގެ ގޮތުގައި މާދާމާރޭ ނާންނާނެ ކަމަށް ބައެއް ރިޕޯޓުތަކުން ބުނެ އެވެ.
ރަޝްމީ އަދި ޑެވޮލީނާ ވަނީ މީގެ ކުރީގެ ބިގްބޮސް ސީޒަން ތަކުގައި ވެސް ބައިވެރި ވެފައެވެ. އަދި އަބީޖީތު ވަނީ ބިގް ބޮސް މަރާޓީ ސީޒަންގެ ބައިވެރިއެކެވެ.
ރަޝްމީ އަދި ޑެވޮލީނާގެ އިތުރުން މިދިޔަ ސީޒަންގައިވެސް ބައިވެރިވެފައިވާ ރާކީވެސް މިރޭގެ އެޕިސޯޑްގައި ވައިލްޑްކާޑް އެންޓްރީގެ ގޮތުގައި ވަންނާނެ އެވެ. ރާކީއާއެކު އޭނާގެ ފިރިމީހާވެސް މިފަހަރުގެ ޝޯއިން ފެނިގެންދާނެ ކަމަށް ކަލާޒް ޓީވީއިން މިހާރު ދައްކާ ޕްރޮމޯގައި ވަނީ ބުނެފަ އެވެ.
މިފަހަރުގެ "ބިގް ބޮސް 15" އަކީ އެހެން އަހަރުތަކާއި ހިލާފަށް ތަފާތު ތީމަކަށް ގެނެސްދޭން ފެށި ސީޒަން އެކެވެ. މިފަހަރުގެ ސީޒަންގެ ޓީއާރުޕީ ދަށްވާން ފެށުމާއެކު މިވަގުތު "ބިގް ބޮސް" ގޭގައި ތިބި ބައިވެރިން ބޭރު ކުރުމަށްފަހު މީގެ ކުރިން ޝޯގައި ބައިވެރިވެފައިވާ ބައިވެރިން ވައިލްޑްކާޑް އެންޓްރީގައި ދަނީ ބައިވެރި ކުރަމުންނެވެ.