ދުނިޔޭގެ އެންމެ ބޮޑު ގުދުރަތީ ބަގީޗާ ކަމަށްވާ ދުބާއީގެ މިރެކަލް ގާޑެން، އޭގެ ނުވަވަނަ ސީޒަނަށް ހުޅުވާލަން ނިންމައިފި އެވެ.
ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު މި ބަގީޗާ އަލުން ހުޅުވާލެވޭ އިރު، މިތަނަށް ޒިޔާރަތްކުރާ މީހުންގެ ސިއްހީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އެޅިފަ އެވެ. އެގޮތުން ބަގީޗާއަށް ވަންނަ ކޮންމެ މީހެއްގެ ހުން ބެލޭނެ އެވެ. އަދި ހޭންޑް ސެނިޓައިޒް ކުރެވޭނެ ވަސީލަތްތައް އެކި ހިސާބުތަކުގައި ގާއިމު ކުރެވިފައިވާ އިރު، ޖިސްމާނީ ގައިދުރު ކުރުން މަޖުބޫރެވެ.
މި އަހަރު ބަގީޗާ މި ހުޅުވާލަނީ 150 އަށް ވުރެ ގިނަ އެކި ވައްތަރުގެ ތަކުގެ މާމެލާމެއްޔާއި އެކުގަ އެވެ. އަދި މީގެ ތެރެއިން ބައެއް މާތަކަކީ ގަލްފް ހިސާބުގައި އަލަށް ހައްދާފައިވާ މާލުގެ ބާވަތްތަކެވެ.
ދުބާއީގެ މިރެކަލް ގާޑެން ވަނީ ގިނިސް ވޯލްޑް ރިކޯޑް ފޮތުން ތިން ފަހަރު ޖާގަހޯދާފަ އެވެ. އެގޮތުން 2018 ވަނަ އަހަރު ދުނިޔޭގެ އެންމެ އުސް ޓޮޕިއަރީ ސްޓްރަކްޗާގެ ގޮތުގައި މި ބަގީޗާގައި ހުންނަ މިކީ މައުސް ހޮވިފައިވާ އިރު 2016 ވަނަ އަހަރު އެންމެ ބޮޑު ފްލޯރަލް ސްޓްރަކްޗާ ކަމަށް އޭ350 މަރުކާގެ ފްލައިޓެއް ސިފަވާގޮތަށް ހައްދާފައި ހުރި މާގަސްތައް ވަނީ ހިމެނިފަ އެވެ. މީގެ އިތުރުންވެސް ދުނިޔޭގެ އެންމެ ބޮޑު "ވާޓިކަލް ގާޑެން"ގެ ރިކޯޑާއި ޝަރަފުވެސް އޮތީ މި ބަގީޗާއަށެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ބައިނަލްއަގްވާމީ ފެންވަރުގެ އެވޯޑްތައްވެސް ހާސިލްކޮށްފައިވާ ދުބާއީ މިރެކަލް ގާޑެން ހުޅުވަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުން ފެށިގެން ގޮސް އޭގެ ޖެހިގެން އަންނަ އަހަރުގެ މާޗް މަހާއި ހަމައަށެވެ.