1984 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުގެ މެންދަމުގެ ވަގުތެވެ. މުޅި އިންޑިއާ އޮތީ މެންދަމުގެ ނިދިން ނިދާފަ އެވެ. ޖެހިލާ ވައިރޯޅީގެ އަޑު ފިޔަވައި އެނޫން އަޑެއް މަގެއްގެ މަތިން ވެސް ނުއިވެ އެވެ.

ދަންވަރުގެ އެވަގުތު ކުރިމަތި ވެދާނެ ހާދިސާއަކަށް ވިސްނާނީ ކާކުތޯ އެވެ؟ އެރޭގެ ނިންޖަކީ އެނިންޖަކުން ނުހޭލެވޭނެ ނިންޖެއް ކަން އެނގި ހުރެ އެރޭ ނިދާނީ ކާކުތޯ އެވެ. އެއީ ވެސް ހަމަ އެހެން ރޭތައް ފަދަ ރެއެކެވެ. މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ބޯޕާލްގެ ރައްޔިތުންވެސް ނިދީ އާދައިގެ މަތިން ފަތިސް ނަމާދުގެ ބަންގިއަށް ހޭލުމުގެ ނިޔަތުގަ އެވެ.

ނަމަވެސް ކަންތައް ވެގެން ދިޔައީ އެހެންނެއް ނޫނެވެ. ޖެހިގެން އައި ދުވަހުގެ އަލި ވިލިގެން އައީ މުޅި އިންޑިއާގެ ތާރީޚުގައި ހިނގާދިޔަ އެންމެ ނުރައްކާތެރި އެއް ހާދިސާގެ ހިތާމަވެރި ހަބަރަށެވެ. މުޅި ދުނިޔެ ސިއްސުވާލީ ރޭގަނޑުގެ ނިދިން ނިދާފައި ތިބި އެތައް ބައެއްގެ މަރުންނެވެ.

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ޔޫނިއަން ކާބައިޑް ކޯޕަރޭޝަންގެ އިންޑިއާ ގޮފިން ހިންގަމުން ދިޔަ ގޭސް ޕްލާންޓަކުން ލީކުވި 45 ޓަނުގެ ނުރައްކާތެރި ކެމިކަލެއް ކަމަށްވާ މެތޯލް ވެގެން ދިޔައީ އެރޭގެ އެހާދިސާގެ އަސްލަށެވެ. ރޭގަނޑުގެ ހަމަހިމޭން ވަގުތުގައި ގޭސް ލީކުވެ މުޅި ސަރަހައްދުގެ ވައި ތަޣައްޔަރު ވުމުގެ ސަބަބުން ކުރިމަތިވި އެ ހާދިސާއަކީ މިހާތަނަށް މުޅި ދުނިޔޭގެ ތާރިހުގައި ވެސް ހިނގި އެންމެ ނުރައްކާތެރި އެއް އިންޑަސްޓްރިއަލް ހާދިސާ އެވެ.

މި ހާދިސާގައި 4000 އަށްވުރެ ގިނަ މީހުން ނިދީގައި މަރުވި އިރު އެކަމާ ގުޅިގެން ކުރިމަތިވި އެކި މައްސަލަތަކުގައި މަރުވި މީހުންގެ އަދަދު 15000 އަށް އަރާފައިވެ އެވެ. މި ހާދިސާއާ ގުޅިގެން މަދްޔަ ޕްރަދޭޝްގެ ބޮޑު ސަރަހައްދެއްގައި ދިރިއުޅެމުން ދިޔަ ގިނަ ބަޔަކަށް ނޭވާލާ ނިޒާމުގެ ބަލިތަކާއި ލޮލުގެ މައްސަލަތައް ކުރިމަތިވެފައިވެ އެވެ.

ބޯޕާލް ގޭސް ޓްރެޖެޑީއަށް 37 އަހަރު ވީއިރު މިއަދުވެސް އެ ސަރަހައްދުގެ ވަޔާއި ފެނުގައި ކެމިކަލް ގޭހުގެ އަސަރު ހުރެ އެވެ. އެ ސަބަބަށްޓަކައި އެ ސަރަހައްދުގެ ރައްޔިތުންނަށް ރައްކާތެރި ބޯފެން ލިބުމުގައި ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.

މި ހާދިސާއާ ގުޅިގެން ޔޫނިއަން ކާބައިޑް ކޯޕަރޭޝަންގެ އޭރުގެ ސީއީއޯ ވެރަން އެންޑާސަންގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ކުރެވުނު ނަމަވެސް މިއަދާ ހަމައަށް ވެސް އެ ހާދިސާގެ އަސަރު ކުރި މީހުންނަށް އިންސާފު ލިބިފައި ނުވާ ކަމަށް އެމީހުން ބުނެ އެވެ.