ޖޭއެސްސީއަކީ ދައުލަތުން ދަރަންޏަށް ލިޔެފައި ގެންދަން ފަރުވާ ކޮށްފައިވާ ކަންމަތީ ފިހާރައެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ނައިބް ރައީސް ޑރ. ޖަމީލު މިހެން ވިދާޅުވީ "މަރުހަބާ ރައީސް ޔާމީން" ނަމުގައި މިރޭ ކާނިވާ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޔާމީން މިނިވަން ވުމަށް ފަހު ބޭއްވު ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ޑރ. ޖަމީލު ވިދާޅުވީ ކްރިމިނަލް ކޯޓު ފެނިގެންދަނީ ސަރުކާރަށް ސިޔާސީ ބަދަލު ނަގައިދޭ ތަންތަނެއްގެ ގޮތުގައި ކަމަށެވެ. މިކަން މިގޮތަށް އޮވެއްޖެނަމަ ރާއްޖޭގެ ތަރައްގީއަށާއި، ރާއްޖޭގެ އަދުލުގެ ނިޒާމަށް އޮތް އެންމެ ބޮޑު ހުރަހަށް ވެގެންދާކަން ޖަމީލް ފާހަގަކުރެއްވި އެވެ.ޖޭއެސްސީ އިސްލާހު ކުރުމަކީ އެމްޑީޕީގެ ވައުދެއްކަން ފާހަގަކުރައްވަމުން ޖަމީލު ވިދާޅުވީ ވެރިކަމަށް ތިން އަހަރު ވެގެން ދިޔައިރުވެސް ޖޭއެސްސީ އިސްލާހު ކުރެވިފައިނުވާ ކަމަށެވެ. އަދި ޖޭއެސްސީ ސިޔާސީ މަސައްކަތް ކޮށްދޭ ތަނަކަށް ވެސް ވެގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޖަމީލް ވަނީ ޖޭއެސްސީއާއި ކޯޓްތަކާއި ޕީޖީއަށް ފާޑުވިދާޅުވެފަ އެވެ. ކޯޓުތަކަކީ ރާއްޖޭގެ ކުރިއެރުމާއި ޤާނުނާއި ތަހުޒީބާއި ޤާނޫނު އަސާސީގެ މުގައްދަސްކަން ހިފަހައްޓާން ހުރިތަންތަންކަމަށް ޖަމީލު ފާހަގަ ކުރެއްވި އެވެ. ކޯޓުތަކަކީ ސަރުކާރުގެ ޢާރުކާކާޓީއެއް ނޫންކަމަށާއި، ސަރުކާރު ނަގަހައްޓާ ތަނެއްވެސް ނޫންކަމަށެވެ. ޖަމީލް ވަނީ ކޯޓްތަކަކީ ސަރުކާރަށް ބަދަލު ނަގައިދޭ ތަނަކަށް ވެގެން ނުވާނެކަމަށްވެސް ވިދާޅުވެފަ އެވެ.
ޑރ. ޖަމީލު އިތުރަށް ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް ދައުވާ އުފުލި ހަމައެކަނި ސަބަބަކީ އަދި އެމަނިކުފާނުގެ ހަމައެކަނި ކުށަކީ ރާއްޖޭގެ ތާރީހުގައި ފެނިފައިނުވާ މިންވަރުގެ ތަރައްޤީ އެންމެ ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް ގެނެސްދެއްވުން ކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް ދައުވާކުރީ ސިޔާސީ ގޮތުން ބަދަލުހިފުމުގެ ބޭނުމުގައި ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ.