ކުރީގެ ރައީސް ޔާމީނުގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ބޭކާރު އަމުރެއް ކަމަށާއި އެމަނިކުފާނަކީ ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިނިވަން ވުމުގެ މުނާބަސަތުގައި، ކާނިވާ ސަރަހައްދުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަން މިރޭ ބޭއްވި "މަރުހަބާ ރައީސް ޔާމީން" ޖަލްސާގައި އަދުރޭ ވިދާޅުވީ، ޔާމީނަކީ ވަތަނީ ބޭފުޅެއް ކަމަށާއި ގައުމު ދޫކޮށް ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށެވެ.

ރައީސް ޔާމީނަކީ ސަރުކާރުން ހީކުރާފަދަ ލީޑަރެއް ނޫންކަން ފާހަގަ ކުރައްވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީނަކީ ސާބިތު ހިއްތަވަރުގަދަ ލީޑަރެއްކަމަށެވެ. އަދުރޭ ވިދާޅުވީ އެކި ސިފަސިފާގައި ރައީސް ޔާމީން ފުރުވާލުމަށް ސަރުކާރުން ކުރި މަސައްކަތް ހޯމް މިނިސްޓަރު އިމްރާނަށް އެނގިވަޑައިގަންނާވެނެ ކަމަށާއި އެމަނިކުފާނު ދެއްވި ޖަވާބު ވެސް އެނގިވަޑައިގަންނާވެ ކަމަށެވެ.

"އަޅުގަނޑު ލީޑަޝިޕްގެ ފަރާތުން މަނިކުފާނަށް ދަންނަވަން މިއައީ ކޮންމެވެސް މަގެއް ހޯއްދަވައިގެން މި ޖަލުން ނިކުމެވަޑައިގެންނެވޭތޯ މަސައްކަތް ކޮށްދެއްވާށޭ. އެއީ ބޭސް ފަރުވާއަކަށް ނަމަވެސް، 15 ވަރަކަށް ދުވަހަށް ނުވަތަ މަހެއްހާ ދުވަހަށް ނަމަވެސް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ވިސްނުންފުޅެއް ގެންގުޅުއްވައި ދެއްވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެކޭ. އެމަނިކުފާނު ވިދާޅުވީ ތިމަންމަނިކުފާނަށް ކުރެވޭ ތުހުމަތަކަށް ފިއްލަވައިގެން ވަޑައިގަންނަވާނެ ބޭފުޅެއް ނޫނޭ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ރައީސް ޔާމީނުގެ ޤުރުބާނީގެ އަގު ރައްޔިތުން ދޭނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިގެން ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަކީ ރާއްޖެ މިނިވަންކުރުން ކަމަށާއި، ދީނާއި ވަޠަން ހިމާޔަތްކުރުން ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

ޔާމީނަށް މަރުހަބާ ދެންނެވުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޕީޕީއެމް/ޕީއެންސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފަ އެވެ.