ނިއުދިއްލީ (09 ޑިސެމްބަރު) - އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓުމުގެ ހާދިސާގައި އިއްޔެ އަވަހާރަވި އިންޑިއާގެ ޗީފް ޑިފެންސް އޮފް ސްޓާފް ޖެނެރަލް ބިޕިން ރާވަޓް ދިރިހުއްޓާ ސަލާމަތް ކުރެވުނު ކަމަށާއި އޭނާ އަވަހާރަވީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވި ރެސްކިއު ޓީމްގެ މެމްބަރަކު ބުނެފި އެވެ.
"ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދުން ދެ މީހަކު ދިރިހުއްޓާ ސަލާމަތް ކުރެވުނު. އޭގެ ތެރެއިން އެކެކީ ޖެނެރަލް ރާވަޓް. ބަލި އަޑަކުން ޖެނެރަލް އޭނާގެ ނަން ވިދާޅުވި،" ރެސްކިއު ޓީމްގެ ސީނިއާ ފައާ މޭން އެން ސީ މުރާލީ ވިދާޅުވި އެވެ.
މުރާލީ އިތުރަށް ބުނީ ޖެނެރަލް ރާވަޓްގެ އުނަގަނޑުން ތިރިއަށް ގިނަ ޒަހަމްތަކެއް ލިބިފައިވާ ކަމަށާއި ހެލިކޮޕްޓަރުގައި ރޯވި އަލިފާނުގެ ސަބަބުން ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވާ ކަމަށެވެ.
ޖެނެރަލް ރާވަޓްއާއެކު ދެން އެ ސަރަހައްދުން ސަލާމްތް ކުރެވުނު ކެޕްޓަން ވަރުން ސިންގް ވެސް އަށް ވެސް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާއިރު އޭނާއަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެވެމުންނެވެ.
ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ދެކުނު އިންޑިއާގެ ތަމިލްނާޑޫއަށް ވެއްޓުނު ހެލިކޮޕްޓަރުގެ ހާދިސާގައި ޖެނެރަލް ރާވަޓްއާއި އަނބިކަނބަލުން މަދުލިކާގެ އިތުރުން 11 މީހަކު ވަނީ މަރުވެފަ އެވެ.
ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދުގެ ކައިރި އަވަށްތަކުގައި ދިރިއުޅޭ ބައެއް މީހުން ބުނި ގޮތުގައި ހެލިކޮޕްޓަރު ވެއްޓުމުގެ ކުރިން އޭގެ ފިޔަތައް އެނބުރުމުގައި މައްސަލައެއް އުޅޭކަން ފާހަގަވި ކަމަށާއި އޭގެ އިރުކޮޅެއް ފަހުން ބާރު އަޑުފަށްގަނޑެއް އިވުމުން ހެލިކޮޕްޓަރު ވެއްޓުނީ ކަން ޔަގީންވި ކަމަށެވެ.
އެހާ ގިނަ މީހުންގެ ފުރާނަ ގެއްލެން މެދުވެރިވީ ރެސްކިއު މިޝަންއަށް ކުރިމަތިވި ލަސްތަކެއްގެ ސަބަބަން ކަމަށް މުރާލީ ވިދާޅުވި އެވެ. އެގޮތުން ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދަށް ދެވޭނެ ރަނގަޅު މަގުތަކެއް ނެތުމުން ފަޔާ ލޮރީ ގެނައުމުގައި ލަސްތަކެއް ކުރިމަތިވި ކަމަށާއި އަލިފާންގަނޑު ކޮންޓްރޯލް ކުރަން އެންމެ ފުރަތަމަ މަސައްކަތް ކުރީ ކައިރި ހިސާބުތަކުގެ ގެތަކުންނާއި ކޯރުތަކުން ފެން ގެނެސްގެން ކަމަށެވެ.
"އޭގެ އިތުރުން އެ ހިސާބުގައި ހުރި ބިޔަ ގަހެއް ކަނޑާލަން ޖެހުމަކީ ވެސް މިޝަންއަށް ކުރިމަތިވި އިތުރު ގޮންޖެހުމެއް،" މުރާލީ ވިދާޅުވި އެވެ.
ގިނަ ބަޔަކު މަރުވީ ހެލިކޮޕްޓަރުގެ ބައިތަކުގެ ދަށުގައި ތާށިވެގެން ކަމަށާއި ޒަހަތްތަކާއެކު ސަލާމަތް ކުރެވުނު މީހުންނަށް ފަރުވާ ދިނުމަށް ޑޮކްޓަރުންގެ ޓީމެއް އެންމެ ކައިރި ހޮސްޕިޓަލަށް ފޮނުވުނު ކަމަށް ސިއްހީ އިދާރާތަކުން ވަނީ ބުނެފަ އެވެ.