ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ކުރީގެ ހައުސިން މިނިސްޓްރީން ރަޖިސްޓަރީ ކޮށްދީފައިވާ ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީ މާލޭ ސިޓީ ކައުންސިލުން ބާތިލްކުރި ނިންމުމަށް އަމަލުކުރުން މަޑުޖައްސައިލަން އަންގަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފާސްކޮށްފި އެވެ.

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް، އެލްޖީއޭގެ ކުއްލި ޖަލްސާއެއްގައި ނިންމީ މާލޭ ސިޓީ ކައުންސިލުން ފާސްކުރި ގޮތަށް އަމަލުކުރުން ހުއްޓުވުމުގެ އިތުރަށް އެކަން ހިނގައިދިޔަ ގޮތުގެ އިންކުއަރީއެއް ކުރިއަށް ގެންދިއުމަށެވެ.

އިދިކޮޅު ޕީޕީއެމްގެ އަޣުލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލުން މިދިޔަ ހަފުތާގައި ވަނީ ހުޅުމާލޭގެ ރަޖިސްޓަރީ ބާތިލުކޮށް، ކައުންސިލުގެ ދަށަށް މުޅި ހުޅުމާލެ ބަދަލުކުރަން ފާސްކޮށްފަ އެވެ. މިގޮތަށް ނިންމީ މާލެ ސިޓީ ކައުންސިލްގެ އިހްތިސޯސްގެ ތެރޭގައި ހުޅުމާލެ އޮތަސް ހިދުމަތް ދިނުމަށް ހުރަސްތައް ކުރިމަތިކުރާތީ ކަމަށް ބުނެ އެވެ.

މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީގެ ކޯޅުން ބޮޑުވެ، ރަޖިސްޓަރީ ބާތިލްކުރުމާ ހަމައަށް ދިޔައީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ޕީޕީއެމްގެ ޖަލްސާއެއް ބޭއްވުމުގެ ހުއްދަ ނުދިނުމާއި މުނިސިޕަލް ހިދުމަތް ކައުންސިލާ ހަވާލުނުކޮށްގެން ކަންބޮޑުވުން ފާޅުކުރުމަށް ފަހު އެވެ. ނަމަވެސް ސިޓީ ކައުންސިލުން ބުނީ ޖަލްސާ ބޭއްވުމަށް ހުރަސް އެޅުމާ ރަޖިސްޓްރީ ބާތިލުކުރުމާ ގުޅުމެއް ނެތް ކަމަށެވެ.

ސިޓީ ކައުންސިލްގެ ނިންމުން ގާނޫނާ ޚިލާފު ކަމަށް ބުނެ އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން އެޗްޑީސީން ވަނީ ސިވިލް ކޯޓަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ. އަދި އެ މައްސަލައިގައި ޑިސްޕިއުޓް މަރުހަލާ އިން ހައްލެއް ނުލިބުމުން ޝަރީއަތަށް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

ހުޅުމާލެ ބަލަހައްޓަމުން އަންނަ އެޗްޑީސީން ބުނެފައި ވަނީ ހުޅުމާލޭގެ ބިމަކީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ހިއްކާފައިވާ، އަމިއްލަ ބިމެއް ކަމަށެވެ. އެއީ ގާނޫނީ ގޮތުން މުދާ މިލްކު ކުރުމުގެ ހައްގު ލިބިފައިވާ ވަކި ޝަހުސަކަށްވީ ހިނދު، އެ ކުންފުންޏަށް ލިބިފައިވާ ހުޅުމާލޭ ބިމުގެ ރަޖިސްޓަރީ ބާތިލުކުރަން ސިޓީ ކައުންސިލުން ނިންމީ ގާނޫނުއަސާސީއާ ވެސް ހިލާފަށް ކަމަށް އެޗްޑީސީން ބުނެފައި ވެ އެވެ.