އުފަންވުމާ އެކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ކުއްޖާއާ މެދު އަމަލުކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށާއި ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަނީ އާއިލާގެ ތެރެއިން ރައްކާތެރިކަން ކަށަވަރުނުވާ ހާލަތުގައި އެކަނި ކަމަށް ސިއްހަތާއި އާއިލާ އާއި އިޖުތިމާއީ އެހީއާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.

މި މައްސަލަ ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން ކުއްޖާގެ މަންމަ ވަނީ ކުއްޖާ ދައުލަތަށް ނެގި ގޮތާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އުމުރުން 25 އަހަރުގެ އެ މަންމަ ބުނެފައިވަނީ އޭނާގެ ނަފްސާނީ މައްސަލައެއް ހުރުމާއި އަތުގެ ނުކުޅެދުންތެރިކަމެއް ހުރުން ސަބަބަކަށް ދައްކައި، ވިހޭތާ ތިންވަނައަށް ވީ ދުވަހު އޭނާގެ ނުރުހުމުގައި ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަމަށެވެ.

މިކަމާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކުއްޖާއަށް ބޭނުންވާ ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ ދަށުން އާއިލާގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދިންނަށް ލިބިގެންވާ ހައްގެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ އަަށްވަނަ މާއްދާއަށް ހަވާލާދީ މިނިސްޓްރީން ބުނީ ކުޑަކުއްޖަކާ ގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްކަމެއް ދޭންވާނީ އެ ކުއްޖެއްގެ މަސްލަހަތު ހިމާޔަތްކުރުމަށެވެ. ކުއްޖާ ވަށައިގެންވާ އެންމެހައި ހާލަތްތަކަށް ރިއާޔަތްކުރުމަށްފަހު ނޫން ގޮތަކަށް ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނުނެގޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނެގުމުގެ ކުރިން މައިންބަފައިން ގާތުގައި ކުއްޖާ ބަހައްޓައިގެން ހައްގުތައް ހިމާޔަތްކުރެވޭތޯ އަބަދުވެސް މަސައްކަތްކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެއީ ނުކުރެވޭ ހާލަތެއްގައި އާއިލާގެ އެހެން ފަރާތަކާ ކުއްޖާ ހަވާލުކުރުމަށް އިސްކަންދޭނެ ކަމަށާއި، ދައުލަތަށް ނެގުމަކީ އެންމެ ފަހު ފިޔަވަޅު ކަމަށްވެސް ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ނާޒުކު ހާލަތްތަކުގައި އުޅޭ ފަރާތްތަކާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު މީޑިއާގައި ދައުރުކުރުމާމެދު މިނިސްޓްރީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެފަދަ ހާސިސާތަކުގެ މައުލޫމާތު އާންމުކުރުމުގައި ސަމާލުވުމަށް އެ މުއައްސަސާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.