ލަންޑަން (16 ޑިސެމްބަރު) - އިނގިރޭސިވިލާތުގެ ކޮވިޑް 19ގެ ހާލަތު ގޯސްވެ ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު ރެކޯޑު މިންވަރަކަށް މައްޗަށް އަރައިފި އެވެ.

އެގޮތުން ބުދަ ދުވަހު އެ ގައުމުން ފެނުނު ކޮވިޑް ކޭސްތަކުގެ އަދަދު އުޅުނީ 78،610 ގަ އެވެ. މިއީ ޕެންޑަމިކް ފެށުނީއްސުރެ އެގައުމުގައި ރެކޯޑު ކުރެވެނު އެންމެ މަތީ އަދަދެވެ.

ފާއިތުވި ހަތް ދުވަހުގެ އެވްރެޖަށް ބަލާއިރު އަލަށް ފެންނަ ކޭސްތަކުގެ އަދަދު އުޅުނީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު 10،000 ކޭސް މަތީގަ އެވެ. އެއީ 19.1 ޕަސެންޓްގެ އިތުރު ވުމެކެވެ.

އިނގިރޭސިވިލާތުގައި ހަލުވި ކަމާއެކު އޮމިކްރޯން ވޭރިއަންޓް ފެތުރެމުން ދާއިރު މިފަހުން ކުރިމަތިވެފައިވާ ކޮވިޑް ރާޅުގެ މައިގަނޑު ސަބަބަކީ މި ވޭރިއަންޓް ކަމަށް ސީދާ އެގައުމުގެ އޮފިޝަލުން ބުނެފައެއް ނުވެ އެވެ.

އެގައުމުގެ ޗީފް މެޑިކަލް އޮފިސަރު ޕްރޮފެސަރު ކްރިސް ވިޓީ ވިދާޅުވީ ވެރިރަށް ލަންޑަނުން ފެންނަ ކޭސްތަކުގެ ބޮޑު ނިސްބަތަކީ އޮމިކްރޯން ވޭރިއަންޓްގެ ކޭސްތައް ކަމަށެވެ.

"މިއީ ވަރަށް ސީރިއަސް ކަމެއް،" ބޮޑު ވަޒީރު ބޮރިސް ޖޯންސަންސް ވެސް ބައިވެރިވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކްރިސް ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގައި ކޭސްތަކުގެ އަދަދު މައްޗަށް ދާން ފަށާފައިވީ ނަމަވެސް އެކަން ކޮންޓްރޯލް ކުރުމަށް އަދި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

އިނގިރޭސިން ފާހަގަކުރާ ކްރިސްމަސް ކައިރިވެފައިވާ މި ދަނޑިވަޅުގައި އެދެވޭ ފިޔަވަޅުތަކެއް ނުއަޅައިފި ނަމަ ކުރިއަށް އޮތް ތަނުގައި ވެސް އަދަދުތައް މައްޗަށް ދާނެ ކަމުގެ އިންޒާރު މާހިރުން ވަނީ ދީފަ އެވެ. – އަލް އަރަބިއްޔާ