ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހިންގަމުން އަންނަ ކެމްޕެއިނަށް ފާޑުވިދާޅުވެ، "އިންޑިއާ އައުޓް" ކަމަށް ނުބުނެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް"ގެ ނަމުގައި ހިންގަމުން އަންނަ ކެމްޕެއިން މިހާރު ވަނީ ޖަލު ހުކުމުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމާ އެކު، އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ވަރުގަދަކޮށްފަ އެވެ. އެމަނިކުފާނު މިހާރު ވެސް ގެންދަވަނީ މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެން، އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

"ރާއްޖޭގައި އޮތް އިންޑިއާގެ ދައުރު، އަދި އިންޑިއާ ކަނޑުގައި އޮތް ރާއްޖޭގެ ދައުރަކީ ދިވެހިންނަށް އޮޅޭނެ ދައުރެއް ނޫން،" މިއީ ހަރުކަށި ފިކުރުގެ މީހުން އަޑީގައި ތިބެގެން ހިންގަމުން އަންނަ ހަރަކާތެއް ކަމަށް ކުރިން ތުހުމަތު ކުރެއްވި ނަޝީދު މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

މި ޓްވީޓްގައި ނަޝީދު ވިދާޅުވީ "އިންޑިއާ އައުޓް ކަމަށް ނުބުނެވޭނެ" ކަމަށެވެ.

އިންޑިއާގެ ސަރުކާރާ ގާތްގުޅުމެއް ބާއްވައި، އިންޑިއާ ބޭނުންވާ ގޮތަށް ކަންކަން ކޮށްދޭން މަސައްކަތްކުރާ ރައީސް ނަޝީދު މީގެ ކުރިން ވެސް ވަނީ އިދިކޮޅު ފަރާތްތަކުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފަ އެވެ.

މީގެ މަހެއްހާ ދުވަސް ކުރިން އިންޑިއާގެ "ދަ ހިންދޫ" އަށް ދެއްވި އިންޓަވިއުއެއްގައި ރަޝީދު ނަޝީދު ވިދާޅުވީ އިންޑިއާއާ ދެކޮޅު ޚިޔާލުތައް ޕްރޮމޯޓްނުކޮށް އެކަން ހުއްޓާލަން ރައީސް ޔާމީން އަރިހުން އެދިވަޑައިގަންނަވާނެ ކަމަށެވެ.

އެ އިންޓަވިއުގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުތަކަކީ ހުރިހާ ސިޔާސީ ޕާޓީއަކަށް ވެސް އެއްބަސްވެވޭ ސިޔާސަތުތަކަށް ވާން އެބަ ޖެހޭ ކަމަށެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއަކުން ޚާރިޖީ ގުޅުން އޮތް ގައުމަކާ ދެކޮޅަށް ޒާތީ ޚިޔާލުތަކެއް ޕްރޮމޯޓް ކުރެވިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އިދިކޮޅު ފަރާތްތަކާ މި ވާހަކަ ދެއްކުން އަޅުގަނޑު ހުއްޓައެއް ނުލާނަން، އިދިކޮޅު ލީޑަރު ރައީސް ޔާމީން އަރިހު އަޅުގަނޑު ތަކުރާރުކޮށް އެދޭނަން އަދި ބުނަމުން ވެސް މި ދަނީ ވަކި ގައުމަކާ ދެކޮޅުވާން ތި ގެންގުޅޭ ޚިޔާލުތައް ދޫކޮށްލާށޭ،" ޗައިނާއިން ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ރައީސް ނަޝީދު ވިދާޅުވި އެވެ.

އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރާ އެކު އިންޑިއާ ސިފައިން ތިބުމާއި އަސްކަރީ ގޮތުން އިންޑިއާއިން ރާއްޖެއާ ގުޅުން ބަދަހިކުރަން ފެށުމުން "އިންޑިއާ އައުޓް" ކެމްޕެއިން އިދިކޮޅުން ވަރުގަދަކޮށް ރަށްރަށަށް ގޮސް އެކަމާ ދެކޮޅު ޕެޓިޝަނަކަށް ސޮއި ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެ އެވެ. އަދި ކުރީގެ ރައީސް ޔާމީން ވަނީ އިއްޔެ މި ކެމްޕޭނުގައި ބައެއް ރަށްރަށަށް ވަޑައިގެން އިންޑިއާއާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.

އިންޑިއާ ސިފައިން ބޭރުކުރަން އިދިކޮޅު ކޯލިޝަނުން ހިންގާ ކެމްޕޭންގައި ރައީސް ޔާމީން ކ. ގުރައިދުއަށް ވަޑައިގެން ވާހަކަދައްކަވަނީ. ފޮޓޯ: ޕީޕީއެމް

އެ ޕެޓިޝަންގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ ސަރުކާރާ އެކު ސިއްރު އަސްކަރީ އެއްބަސްވުންތަކެއް ގާއިމްކޮށް، ރާއްޖޭގައި އިންޑިއާގެ އަސްކަރީ ބޭނުންތަކަށް ތަންތަން ގާނޫނުއަސާސާސީއާ ހިލާފަށް ދޫކޮށްފައިވާ ކަމަށް ބުނެފަ އެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމާއި މުއައްސަސާތަކުން ރައްޔިތުންގެ ބާރުވެރިކަން ގެއްލިދާނެ ކަމަށާއި ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ދިވެހިންގެ ސިޔާދަތީ ބާރުކެނޑި މިނިވަން ކަމަށް ބުރޫ އަރާފާނެ ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ.