ޕީރިއަޑްގެ ވާހަކަތައް ދައްކަން ލަދުން ސިއްރުކޮށްލައިގެން ތިއްބާ ބޮޑެތި ބަލިތަކެއްގެ ޝިކާރައަކަށް ވެސް ވެދާނެ އެވެ. ހެވީ ފްލޯ އަދި އެ ވޭނުގެ ވާހަކަ ދައްކަން އެބަޖެހެ އެވެ. ހެވީ ފްލޯ އާއި އޭގެ ވޭން ތަހައްމަލް ނުކުރާ އަންހެނަކު މަދުވާނެ އެވެ. އެއީ އާއްމު ކަމެކެވެ. އެކަމަކު "މެނޮރޭޖިއާ" ނުވަތަ "ހެވީ ޕީރިއަޑްސް" އާންމެއް ނޫނެވެ.
މެނޮރޭޖިއާ ހުންނަ މީހެއް ނަމަ ގަޑިއަކު އެއްފަހަރު ޕެޑް ނުވަތަ ޓެމްޕޮން ބަދަލުނުކޮށް ސަލާމަތެއްނުވާނެ އެވެ. ބްލަޑް ފްލޯ އެހާ ވެސް އަވަސްވެ ވަރުގަދަ ވާނެ އެވެ. އަދި ޕީރިއަޑް ވޭން ގަދަވެ އާންމުކޮށް ކޮށްއުޅޭ ކަންކަން ކުރަން ވެސް އުނދަގޫވާނެ އެވެ. ހެވީ ޕީރިއަޑްސް އަކީ ސިއްހީ މައްސަލައެއް އުޅޭކަމުގެ ނިޝާނެކެވެ. އަދި އެކަމުގެ ސަބަބުން ސިއްހީ އެހެން ބޮޑެތި މައްސަލަތަކެއް ވެސް ކުރިމަތިވެދާނެ އެވެ.
މެނޮރޭޖިއާގެ ނިޝާންތައް
- ޕީރިއަޑްގެ ފުރަތަމަ ދުވަހު ނުވަތަ އެއަށްވުރެ އިތުރު ދުވަސްތަކެއްގައި ގަޑިއަކު އެއް ފަހަރު ޕެޑް ބަދަލުކުރަން ޖެހުން
- ރޭގަނޑު ވެސް އަވަސް އަވަހަށް ޕެޑް ބަދަލުކުރަން ޖެހުން
- ހެވީ ފްލޯގެ ސަބަބުން ދެ ޕެޑް ވެސް އެއްފަހަރާ ބޭނުންކުރަން ޖެހުން
- ވޭނުގެ ސަބަބުން ދުވަހުގެ ހުރިހާ ކަމެއް ހުއްޓާލަންޖެހުން
- ގަނޑުލޭކޮޅުކޮޅު ފޭބުން
- ޕީރިއަޑްގެ މުއްދަތު ހަތް ދުވަހަށްވުރެ މާގިނަވުން
- ވަރުބަލިވެ ނޭވާ ކުރުވެފައި ހުރުން
މެނޮރޭޖިއާ ދިމާވެދާނެ ސަބަބުތައް
- ހޯމޯން ބެލެންސް ނުވުން
- ކޮންމެ މަހަކު ރަހިމުގައި އުފެދޭ އާ ފަށަލައިގައި ޕޮލިޕްސް ނުވަތަ ރަހިމުގެ ތެރޭގައި ޓިއުމަރެއް އުފެދިފަ ހުރުން
- އައިޔޫޑީ ބާތު ކޮންޓްރޯލް
- ބަލިވެ އިނުމާއި ގުޅޭ މައްސަލައެއްގެ ސަބަބުން
- ރަހިމް، ސާވިކްސް ނުވަތަ އޯވަރީ ކެންސަރު.
ހެވީ ޕީރިއަޑްސްގެ މައްސަލަ ކުރިމަތިވާނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަންވާނެ އެވެ. ޑޮކްޓަރަށް ދައްކާ ޗެކަޕެއް ހަދާލުމުން ގޯހެއް ނެތެވެ. ނަމަވެސް ބޮޑު ބައްޔެއް ކުރިމަތިވެ ފަރުވާއިން ސަލާމަތްނުވާ ހިސާބަށް ދިއުމުގެ ކުރިން އަމިއްލަ ސިއްހަތަށް ވިސްނަން އެބަޖެހެ އެވެ.