ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމަށް ހަތަރު ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި ސިވިލް ސާވިސް ކޮމިޝަނަށް އައްޔަން ކުރެއްވި ހަތަރު ބޭފުޅުންނަކީ ގދ. ތިނަދޫ މާކޯޅި، ފާޠިމަތު ޝަރީފާއި، ރ. މީދޫ ބްލެކް، އިބްރާހީމް ރަޝީދާއި، ހ. ޓޫހާޓްސް، މުހައްމަދު ފަރުޞަތާއި، މ. ފަލްކަންގެ، މުހައްމަދު ނާސިހެވެ.

ސީއެސްސީގެ މެންބަރުކަމަށް މި ހަތަރު ބޭފުޅުން އައްޔަންކުރައްވަން ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވެވި އެ މަޖިލީހުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގަ އެވެ.

އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން، މި ހަތަރު ބޭފުޅުން ވެސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވި އެވެ. އެ މެންބަރުންނަށް ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. އަދި، ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް މި ރަސްމިއްޔާތުގައި ހަތަރު ބޭފުޅުންނާއި ހަވާލުކުރެއްވި އެވެ.