ކޮވިޑާ ގުޅިގެން މިދިޔަ އަހަރާއި މިއަހަރު ވައިގެ ދަތުރުފަތުރުގެ ހިދުމަތުން ގެއްލުވިޔަސް، މި އަހަރު ފަހުކޮޅުން ފެށިގެން އެ ގެއްލުން ކުޑަވެ، އަންނަ އަހަރު ފައިދާވާން ފަށާނެ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން މިއަދު ބުނެފި އެވެ.

ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ސަރުކާރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު "ހުރިހާ"އާ ވާހަކަދައްކަވަމުން ވިދާޅުވީ ކޮވިޑާ ގުޅިގެން މުޅި ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ކުރިމަތިވި ހީނަރުކަން އެ އެއާލައިނަށް ވެސް ކުރިމަތިވި ކަމަށެވެ. ނަމަވެސް މިއަހަރުގެ ޖުލައި މަހުން ފެށިގެން ވައިގެ ދަތުރުތައް މަޑުމަޑުން އިތުރުވެ، ކުންފުންޏަށް ލިބޭ ގެއްލުން ކުޑަވާން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ހަފުތާގައި އާއްމުކުރި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އައިއޭއެސްއަށް 99.5 މިލިއަން ރުފިޔާ ގެއްލުންވެފައިވެ އެވެ. އަދި މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ވެސް 110.1 މިލިއަން ރުފިޔާ ގެއްލުންވެފައިވެ އެވެ.

ނަމަވެސް 2018 އަދި 2019 ގައި އެ ކުންފުންޏަށް މާލީ ގޮތުން ފައިދާވެފައިވެ އެވެ.

އެ ކުންފުނީގެ މާލީ ހާލަތާ ބެހޭ ގޮތުން ވާހަކަދައްކަވަމުން މިހާދު ވިދާޅުވީ މިދިޔަ އަހަރުގެ އަހަރީ ހިސާބު އަދި ނުނިމޭ ކަމަށެވެ. ނަމަވެސް މިއަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރުގައި އެ ގެއްލުން ކުޑަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު އެ ރިފާކުރަނީ އަން އޮޑިޓެޑް ރިޕޯޓެއް. އަޅުގަނޑުމެންގެ ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް އަދި ނުނިމޭ އެ ނިމުނީމަ އެނގޭނީ މިދިޔަ އަހަރުގެ ގެއްލުން. މިއަހަރުގެ ރިޕޯޓު ވެސް ވަރަށް އަވަހަށް ނިންމާލާނަން،" މިހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑްގެ ލޮކްޑައުން ނިމި މީހުން އަލުން ދަތުރުކުރަން ފެށީ އަހަރުގެ ފަހު ކުއާޓަރަށް އެޅުނު ފަހުން ކަމަށެވެ.

"މިދިޔަ އަހަރުގެ ބޮޑު ބައެއް ދިޔައީ ޑޮމެސްޓިކް ދަތުރުތައް ނުކުރެވި. މިއަހަރުގެ ކުރީކޮޅު ވެސް ބަންދުވީ. އަދި ތިންވަނަ ކުއާޓަރަށް އެޅުނު ފަހުން މީހުން ދަތުރުކުރަން ފެށީ،" މިހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔެ އަލުން ހުޅުވި، މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އަލުން ޓޫރިސްޓުން ވެސް ދަތުރުކުރާ މިންވަރު އިތުރުވާން ފަށާފައިވާ ކަމަށެވެ. އަދި މިހާރު ކަރަންޓީނާ ނުލައި ދަތުރުކުރެވެން ފެށުމުން ވެސް ޑޮމެސްޓިކް ދަތުރުތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވެސް މިހާދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިދިޔަ އަހަރު ލިބުނު ގެއްލުމުގެ ރިފެކްލެޝަން އަންނާނެ މިއަހަރު ވެސް. ނަމަވެސް ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރުގައި އެ ގެއްލުން ކުޑަވާނެ،" އޭނާ ވިދާޅުވި އެވެ.

މިހާދު ވިދާޅުވީ 1،300 އެއްހާ މުވައްޒަފުން މަސައްކަތްކުރާ ކުންފުނިން ކޮވިޑާ ހެދި އެންމެ މުވައްޒަފަކު ވެސް ވަކިނުކުރާ ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން ކުޑަކުރި މުސާރަ ޑިސެމްބަރު މަހުން ފެށިގެން އިޔާދަކޮށް ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑިސެމްބަރު މަހުން ފެށިގެން ފުލް މުސާރަ ލިބެން ފަށާނެ. ޕްރި ކޮވިޑް ލެވެލްއަށް އިޔާދަކުރާނެ ވާހަކަ ކުރިން ވެސް އޮންނާނެ އަންގާފައި. ކުންފުނީގެ މާލީ ހާލަތު މިހާރު މިދަނީ މަޑުމަޑުން ރަނގަޅުވަމުން،
މިހާދު

"ޑިސެމްބަރު މަހުން ފެށިގެން ފުލް މުސާރަ ލިބެން ފަށާނެ. ޕްރި ކޮވިޑް ލެވެލްއަށް އިޔާދަކުރާނެ ވާހަކަ ކުރިން ވެސް އޮންނާނެ އަންގާފައި. ކުންފުނީގެ މާލީ ހާލަތު މިހާރު މިދަނީ މަޑުމަޑުން ރަނގަޅުވަމުން،" މިހާދު ވިދާޅުވި އެވެ. "ކޮވިޑްގެ ހާލަތު އިތުރަށް ގޯސް ނުވެއްޖެ ނަމަ އިރާދަކުރެއްވިއްޔާ އަންނަ އަހަރު ކުންފުންޏަށް އެކަށީގެންވާ ފައިދާއެއް ލިބެން ފަށާނެ."

އޭނާ ވިދާޅުވީ ކުންފުނީގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ހަތަރު ބޯޓު ގްރައުންޑްވުމުން އެހެން އެއާލައިންތަކުން ބޯޓު ޗާޓަރުކުރަން ޖެހުނު ކަމަށެވެ. ނަމަވެސް އެ ހަތަރު ބޯޓުގެ ތެރެއިން ދެ ބޯޓުގެ ޝެޑިއުލް މެއިންޓަނަންސް ނިމި، އަންނަ ހަފުތާގެ ތެރޭގައި އެއް ބޯޓު އުދުހެން ފަށާނެ ކަމަށް ވެސް މިހާދު ވިދާޅުވި އެވެ.

"ހަތަރު ބޯޓެއް ގްރައުންޑްވެފައި ވަނީ. އޭގެ ތެރޭގައި އޮންނާނެ ލީސްކޮށްފައި އޮންނަ ދެ ބޯޓެއް ވެސް. އެ ދެ ބޯޓު ފޮނުވާލާނެ އަންނަ އަހަރު ޖެނުއަރީގައި،" އޭނާ ވިދާޅުވި އެވެ.

މިހާދު ވިދާޅުވީ ކުންފުންޏަށް އިތުރު ބޯޓު ގެންނަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"މި ޕީރިއަޑްގައި ސްކޫލް ޗުއްޓީއާއި ޓޫރިޒަމް ވެސް ވަރަށް ރަނގަޅުވަމުން ޖާގަ ނުލިބިގެން އެބަ ގުޅޭ. އެކަމަކު ކުއްލިއަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި އެ ދަތިތައް ދިމާވެގެން އުޅެނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޯޓުތައް ގްރައުންޑް ވިޔަސް ރިސޯޓުތަކުގެ ޓޫރިސްޓުން އުފުލަން ކޮންޓްރެކްޓްތައް ހަދާފައި ހުރުމުން އެ ދަތުރުތައް ކުރަން ކުންފުންޏަށް މަޖުބޫރުވާނެ ކަމަށެވެ. އަދި ދަތުރުތަކަށް ކޭޓާކުރަން ޗާޓާކުރަމުން ގެންދާ ކަމަށް ވެސް މިހާދު ވިދާޅުވި އެވެ.

"މިހާރު މަރާމާތުކުރަމުން އަންނަ ދެވަނަ ބޯޓު ވެސް މިމަހުގެ ފަހުކޮޅު އޮޕަރޭޝަނަށް ނެރެވޭނެ. އަދި އާ ބޯޓުތައް ގެނައުމުން ވެސް މި މައްސަލައަށް ހައްލެއް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.