ނުރަވުމަކީ އުމުރުން ދުވަސްވާކަމުގެ އެއް އަލާމާތެވެ. އެހެންނަމަވެސް އިނގޭ ހެއްޔެވެ؟ ބޯ ނުރަވަނީ ހަމައެކަނި އުމުރުން ދުވަސްވުމަކުން ނުވަތަ ޖެނެޓިކަލް ކަމަކުން ނޫނެވެ. އެއީ ހަށިގަނޑަށް ބޭނުންވާ ބައެއް މާއްދާތައް މަދުވުމުގެ ސަބަބުންވެސް ދިމާވެދާނެ ކަމެކެވެ.

އެހެންކަމުން އިސްތަށިގަނޑު ނުރަވުމުން ދުރުކޮށްދޭ ބައެއް ކާނާތަކަށް ބަލާލުން ކިހިނެއް ވާނެ ހެއްޔެވެ؟

ބެރީސް

އެންޓިއޮކްސިޑެންޓެއް ކަމަށްވާ ވިޓަމިން ސީ، ބެރީސްގައި ގިނަ އަދަދަކަށް އެކުލެވެ އެވެ. ވިޓަމިންސީ އަކީ އިސްތަށިގަނޑާއި ހަމުގެ ދުޅަހެޔޮކަމަށް ވަރަށް މުހިއްމު މާއްދާ އެކެވެ. ބެރީސް ކެއުމުން ހަށިގަނޑުގައި ކޮލޭޖެން އުފައްދާ މިންވަރު އިތުރުކޮށްދެ އެވެ. އަދި އިސްތަށިތަކުގެ ކުލަ ބަދަލުވާން މެދުވެރިވާ ސަބަބުތަކުން ދުރުކޮށްދޭނެ އެވެ.

ފެހިކުލަ ގަދަ ކާނާ

ފެހި ކުލަ ގަދަ ފަތްޕިލާ ވެއްޔާއި ތަރުކާރީ އަދި މޭވާގައިވެސް ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓު އެކުލެވެ އެވެ. އެގޮތުން އެފަދަ ކާނާގައި ހިމެނޭ ވިޓަމިން ބީ އަކީ ބޮލުގެ ނާށިގަނޑުގެ ދުޅަހެޔޮކަމަށް ވަރަށް މުހިއްމު މާއްދާ އެކެވެ. ނާށިގަނޑު ދުޅަހެޔޮކަން އިތުރުވާނަމަ، އިސްތަށި ހުދުވުމުންނާއި އިސްތަށިތަކަށް ދިމާވާ އެހެނިހެން މައްސަލަތަކަށް ހައްލު ލިބޭނެ އެވެ.

ޗޮކުލެޓު

މެލަނިން އުފެއްދުމަށް ބޭނުންވާ މާއްދާއެއް ކަމަށްވާ ކޮޕާ ޗޮކުލެޓުގައި އެކުލެވެ އެވެ. މެލަނިން އަކީ އިސްތަށިގަނޑުގެ ކަޅުކަން ދަމަހައްޓަން އެހީތެރިވެދޭ މާއްދާ އެކެވެ. އެހެންކަމުން ޗޮކުލެޓު ކެއުމުން ހާއްސަކޮށް ފޮނި ރަހަ މަޑު ޗޮކުލެޓު ކެއުމުން އިސްތަށިގަނޑުގެ ކަޅު ކުލަ ގިނަ ދުވަހު ދަމަހައްޓައިދޭނެ އެވެ.

އަލްމަންޑްސް

ޗޮކުލެޓެކޭ އެއްފަދައިން އަލްމަންޑުގައިވެސް ގިނަ އަދަދަކަށް ކޮޕާ އެކުލެވެ އެވެ. ކޮޕާ އަކީ މެލަނިން އުފެއްދުމަށް ވަރަށް މުހިއްމު މާއްދާއެކެވެ. ހަމައެއާއެކު ވިޓަމިން އީ ވެސް އެކުލެވޭ އަލްމަންޑަކީ އިސްތަށިގަނޑާއި ހަމަށްވެސް ވަރަށް ބޭނުންތެރި މާއްދާތައް އެކުލެވޭ ކާނާ އެކެވެ.