ކިންޝާސާ (26 ޑިސެމްބަރު) - ނަސާރާއިން ފާހަގަކުރާ ކްރިސްމްސްއާ ދިމާކޮށް ކޮންގޯގެ ރެސްޓޯރެންޓެއްގައި ނުރައްކާތެރި ބޮމުގެ ހަމަލާއެއް ދީފި އެވެ.

ހައްދުފަހަނަ އަޅާފައިވާ ޖަމާއަތްތައް ހަރަކާތްތެރިވާ ކޮންގޯގެ އިރުމަތީ އަވަށެއްގައި ދިން މި ބޮމުގެ ހަމަލާގައި ކްރިސްމަސް ފާހަގަކުރަން އެތަނަށް އެއްވެ ތިބި މީހުންގެ ތެރެއިން ހަތް މީހަކު މަރުވެ ގިނަ ބަޔަކަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފަ އެވެ.

އެ އަވަށުގެ މޭޔަރު ނާސިސް މުތޭބާ ކަޝަލޭ ވިދާޅުވީ މަރުވި މީހުންގެ ތެރޭގައި ދެ ކުޑަ ކުއްޖަކު ވެސް ހިމެނޭ ކަމަށާއި ހަމަލާގައި ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް ކައިރި ހޮސްޕިޓަލުތަކަށް ގެންދެވިފައިވާ ކަމަށެވެ.

"މި ޓެރަރިސްޓު ހަމަލާގެ ފަހަތުގައި ވަނީ ކޮން ބައެއްކަން ހޯދުމުގެ ތަހުގީގުތައް ދަނީ ކުރިއަށް ދަމުން،" މީޑިއާތަކަށް ކަޝަލޭ ވިދާޅުވި އެވެ.

ކޮންގޯގެ އެ ސަރަހައްދަކީ އިންގިލާބީ ޖަމާއަތެއް ކަމަށްވާ އެލައިޑް ޑިމޮކްރެޓިކް ފޯސަސް (އޭޑީއެފް)ގެ ހަރަކާތްތައް ގިނަ ސަރަހައްދެކެވެ. އޭޑީއެފްއަކީ ޔޫގަންޑާއަށް އަސްލު ނިސްބަތްވާ ޖަމާއަތެކެވެ.

ނަމަވެސް މި އަހަރުގެ ޖޫން މަހު އެ ސަރަހައްދުގައި ގޮވި ގޮވުންތަކެއްގެ ޒިންމާ އިސްލާމީ ޖަމާއަތެއް ކަމަށްވާ އައިސިސްއިން ވަނީ ނަގާފަ އެވެ.

ކޮންގޯގެ ރައްޔިތުން ދަނީ އެގައުމުގައި އިތުރުވަމުންދާ ނާމާންކަމާއި ބިރުވެރިކަން ނައްތާލުމަށް ގޮވާލައި ސަރުކާރާމެދު އޮތް ރުޅިވެރިކަމުގެ އަޑު އުފުލަމުންނެވެ. -- އަލް އަރަބިއްޔާ