"އޮމިކްރޯން" ވޭރިއެންޓާ ގުޅިގެން ރާއްޖެއިން ބޭރުން އަންނަ މީހުން އަމަލުކުރަން ޖެހޭ އުސޫލު ހަރުކަށި ކޮށްފި އެވެ.

'އޮމިކްރޯން" ވޭރިއަންޓާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އަޅަން ނިންމި ފިޔަވަޅުތަކަށް އަމަލުކުރަން މިއަދު ވަނީ ފަށައިފަ އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ރޭ ނެރުނު އިއުލާނެއްގައި ވަނީ ދުނިޔޭގެ ބައެއް ގައުމުތަކުން ފެނިފައިވާ ސަސްކޯވީ-2 ވައިރަސްގެ "އެމިކްރޯން" ވޭރިއަންޓާ ގުޅިގެން އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

ރައްކާތެެރިވުމުގެ ގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް:

  1. ރާއްޖެއިން ބޭރުން އަންނަ ހުރިހާ ފަރާތްތަކުން (ފަތުރުވެރިން ހިމެނޭ ގޮތަށް) ރާއްޖެއަށް ދަތުރު ފަށާ ބަނދަރުން ފުރާއިރު 96 ގަޑިއިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮތުން. (މިގޮތަށް ދަތުރުކުރާ މީހުންނާއި އެކުގައި ދަތުރުކުރާ 1 އަހަރުން ދަށުގެ ތުއްތު ކުދިން ޕީސީއާރު ޓެސްޓު ހެދުމުން އިސްތިސްނާ ވާނެ)
  2. ފަތުރު ވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ހުރިހާ ފަރާތްތަކުން ރާއްޖެ އެތެރެވުމަށްފަހު، ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހެދުން.
  3. ކޮވިޑް-19ގެ ވެކްސިން ފުރިހަމަވެފައި ނުވާ، ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށްފަހު، 14 ދުވަހުގެ މުއްދަތަށް ކަރަންޓީންވުން (މީގެ ތެރޭގައި 12 އަހަރުން ދަށުގެ ކުދިން ނުހިމެނޭނެ) މިފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަސް ހަމަވުމުން ކޮވިޑް-19އަށް ޓެސްޓް ހަދައި ނަތީޖާ ނެގެޓިވްވުމުން.

އެޗްޕީއޭއިން ވަނީ މި ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް، އެންމެހާ އިދާރާތަކާއި ފަރާތްތަކަށް އަންގަވާފަ އެވެ. އަދި މި އިއުލާނާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އަންގާފައިވެ އެވެ.

މިއާއެކު "އޮމިކްރޮން" ވޭރިއެންޓާ ގުޅިގެން ސައުތު އެފްރިކާ އަދި އެ ސަރަޙައްދުގެ ގައުމުތަކުން ރާއްޖެއަށް ދަތުރުކުރުމާ ގުޅޭގޮތުން ނޮވެންބަރު 27 ވަނަ ދުވަހު އާންމުކޮށްފައިވާ އިއުލާން ވަނީ ބާތިލުކޮށްފަ އެވެ.