އަތްދަބަހަކީ އަންހެންކުދިން ދާ ގިނަ ތަންތަނަށް ގެންދާ އެއްޗެކެވެ. ފޯނާއި ތަޅުދަނޑިފަދަ އަސާސީ އެއްޗެހީގެ އިތުރުން ވެސް އަތްދަބަހުގައި ބެހެއްޓުން އަބަދުވެސް މުހިއްމު އެއްޗެހި ހުންނާނެ އެވެ. އެކި މީހުންނަށް މިތަކެތީގެ މުހިއްމުކަން ތަފާތުވިޔަސް މިއީ އާއްމުކޮށް ހުރިހާ އަންހެނުންގެ ދަބަހުގައި ހުންނަން ވާނޭ އެއްޗެއްސެވެ.

ޓިޝޫ އަދި ވެޓް ޓިޝޫ

ޓިޝޫގެ ބޭނުން ނުޖެހޭ މީހެއް ނުހުންނާ އެވެ. ވެޓް ޓިޝޫ ބޭނުންވަނީ މުޅިދުވަހު ބޭރުގައި އުޅެފައި ނުވަތަ މަސައްކަތުގައި އުޅޭ އިރު އެއްކޮށް މޫނުދޮވެ މޭކަޕް އާ ކުރުމަކީ އުނދަގޫ ކަމަކަށް ވާނެތީ އެވެ. މޫނު ދޮވެގެން ގެނެވޭ ފަދަ ތާޒާކަމެއް ވެޓް ޓިޝޫއިން މޫނު ފުހެލުމުން ލިބޭނެ އެވެ. އާދައިގެ ޓިޝޫއެއް ކޮންމެ ވަގުތަކުވެސް ބޭނުން ޖެހިދާނެ އެވެ. ދާ ފުހެލުމަށެވެ. މޭކަޕް ހަޑި ވެއްޖެނަމަ ރަނގަޅުކޮށްލުމަށެވެ. ނުވަތަ ކިނބިހި އެޅޭނަމައެވެ. ނުވަތަ ތަނެއް ނުވަތަ އެއްޗެއް ފުހެލުމަށެވެ.

ސެނިޓައިޒާ

މީގެ ކުޑަ ފުޅިއެއް އަބަދުވެސް ގެންގުޅެން ޖެހޭނެ އެވެ. އެއީ ބޭރުގައި އުޅޭއިރު އަތްލާ އެއްޗެހި ނުވަތަ ބޭނުން ކުރާ އާއްމު ފާހާނަތަކަކީ އެކި މީހުން ބޭނުން ކޮށްފައި ހުންނަ އެއްޗެއްސެވެ. ހާއްސަކޮށް ކޮވިޑް 19ގެ ހާލަތުގައި އެހެން މީހުން އަތްލާފައި ހުންނަ ތަންތަނުގައި ޖަރާސީމު ހުރުމުގެ ފުރުސަތު ބޮޑެވެ. ވީމާ އެއިން ރައްކާތެރިވުމަށް މަސައްކަތް ކުރުމަށް އެތަކެތީގައި އަތްލާފައި ސެނިޓައިޒާއެއް ބޭނުންކުރުން މުހިއްމެވެ.

ކުޑަ ސެންޓު ފުޅިއެއް

ތިމާގެ ގައިން އެހެން މީހަކަށް ނުބައިވަސް ދުވުމަކީ އެހެން މީހުން ތިމާ އާމެދު ދެކޭނެ ގޮތަށް އަސަރުތަކެއް ކުރުވާނެ ކަމެކެވެ. ވީމާ އަބަދުވެސް ގައިން މީރުވަސް ދުއްވާފައި ބަހައްޓަން ވާނެ އެވެ. ހީނުކުރާ މިހަކާއި، ހީނުކުރާ ވަގުތެއްގައި ދިމާވެސް ވެދާނެ އެވެ. ނުވަތަ އޮފީހުގައި އުޅޭ އިރު އެކި ބައްދަލުވުންތައް އޮންނާނެ އެވެ. ވީމާ ބޭނުންވާ ހާލަތުގައި ވިޔަސް ބޭނުން ކުރަން ސެންޓު ފުޅިއެއް އަތްދަބަހުގައި އަބަދުވެސް ގެންގުޅެންވާނެ އެވެ.

މިންޓް ނުވަތަ ޗުއިންގަމް

ހަމައެކަނި ގައިން މީރުވަސް ދުއްވިޔަކަސް ނުވާނެ އެވެ. ތިމާ އެހެން މީހަކާ މުޢާމަލާތް ކުރާ އިރު ތިމާގެ އަނގައިން ނުބައި ވަސް ދުވުމަކީ ތިމާގެ ގައިން ނުބައި ވަސް ދުވުމަށްވުރެ ވެސް ހަޑި ކަމެކެވެ. ވީމާ އަނގައިން ނުބައިވަސް ދުވިޔަ ނުދިނުމައްޓަކައި ދޭތެރެ ދޭތެރެއިން މިފަދަ އެއްޗެއް ބޭނުން ކޮށްލުން މުހިއްމެވެ.

ގަލަމާއި ނޯޓުފޮތް

ކުޑަ ނޯޓު ފޮތަކާއި ގަލަމެއް އަބަދުވެސް ދަބަހުގައި ބެހެއްޓުން ވަރަށް މުހިއްމެވެ. ފޯމެއް ފުރަން، އެއްޗެއް ނޯޓުކުރަން ނުވަތަ އެއްޗެއްގައި ސޮއި ކުރަން ޖެހޭ ވަގުތު ގަލަމެއް ނެތުމަކީ ވަރަށް އުނދަގޫވާނެ ކަމެކެވެ.