ބޮލީވުޑްގެ "މަދުބަން" ލަވައިގައި އެކްޓުކުރުމާ ގުޅިގެން ސަނީ ލިއޯން ހައްޔަރުކުރުމަށް އިންޑިޔާގެ ގިނަ ބަޔަކު ގޮވާލައިިފި އެވެ.

މިމަހުގެ 22 ވަނަ ދުވަހު ނެރުނު މި ލަވައަކީ ސޮނީ މިއުސިކް އިން ޕްރޮޑިއުސްކޮށްގެން ގެނެސްދީފައިވާ ލަވައެކެވެ. ނަމަވެސް ލަވަ އަޑުއެހުމާއެކު ބެލުންތެރިން ވަނީ ލަވައަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

މިގޮތުން އިންޑިޔާ މީހުން ލަވައިގައި ހަރަކާތްތެރިވި ސަނީ ހައްޔަރުކުރުމަށް ގޮވާލީ، ހިންދޫ ދީނަށް ފުރައްސާރަކުރާ ލަވައެއް ކުޅުމާ ގުޅިގެން ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

ހަމައެހެންމެ އެ ލަވައިގައި އިންޑިޔާ މީހުން އަޅުކަންކުރާ "ރާދާ"އަށް ނިސްބަތްވާ ގޮތަށް ބަދުބަސް ބުނެފައިވާ ކަމަށާއި، ހާމަކަން ބޮޑު ހެދުންލައި، ނުބައި މަންޒަރުތައް ދައްކުވައިދޭ ކަމަށް އިންޑިޔާ މީހުން ބުނެ އެވެ.

އޭގެ އިތުރުން، ލަވަ ޔޫޓިއުބުންނާއި އެހެނިހެން ތަންތަނުން ނުނަގާ ނަމަ، ލަވައަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ސިޔާސީ ލީޑަރުން ވެސް ބުނެފައިވެ އެވެ.

މި ސަބަބާ ގުޅިގެން މިހާރު އެ ލަވަ ވަނީ ޔޫޓިއުބުންނާއި ގިނަ ވެބްސައިޓުތަކުން ނަގާފަ އެވެ.

މި ލަވަ ކުޅެދިން ސަނީ ލިއޯންއަކީ ބޮލީވުޑްގެ ލަވަތައް ކުޅެދީ، ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ. މީގެ ކުރިން އޭނާ ކުޅެދިން ކޮންމެ ލަވައަކަށް ވެސް ބެލުންތެރިންގެ މަގުބޫލުކަން ލިބިފައިވެ އެވެ.