އާ އަަހަރަކާ ކުރިމަތިލާއިރު ކޮންމެ މީހަކު ވެސް އެ އަހަރަކަށް އަޒުމެއް ކަނޑައަޅާނެ ކަން ޔަގީނެވެ. ދިރިއުޅުމަށް ގެންނަން ޖެހޭ ބަދަތަކާއެކު އާ އަހަރުގެ "ރިޒޮލިއުޝަން"ތައް ވެސް ކަނޑައަޅާނެ އެވެ. މި ލިޔުމުގައި ބަލާލާނީ މި ފެށޭ އާ އަހަރު ކަނޑައަޅަން އެންމެ "ސަޅި" ރިޒޮލިއުޝަންތަކުގެ ތެރެއިން ބައެއް ރިޒޮލިއުޝަން ތަކަށެވެ.

ދޮޅަހެޔޮ ދިރިއުޅުމެއް ބިނާކުރުން

ދުޅަހެޔޮ ސިއްހަތަކީ ހަމައެކަނި ކަސްރަތުކޮށް ބަރުދަން ލުއި ކުރުމެއް ނޫނެވެ. އެއާ ޚިލާފަށް ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރެ އެވެ. ނިދި ހަމަ ކުރުމާއި އަވަހަށް ހޭލުމާއި ގަޑިން ގަޑިއަށް ކެއުން ފަދަ ކަންކަމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ކުރެވޭ މުހިއްމު ކަންކަމެވެ.

ދީނީ ކަންކަމަށް އަހުލުވެރިވުން

އާ އަހަރާއެކު ނަމާދުތަކަށް ފަރުވާތެރިވުމަކީ ގިނަ ބަޔަކު ކަނޑައަޅާ އަޒުމެކެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ އެކި ސަބަބުތަކަށްޓަކައި ނަމާދަށް ފަރުވާކުޑަ ކުރެވޭ ތަން އާދެ އެވެ. އެހެން ކަމުން މި އަހަރު މި އަޒުމުގެ މަތީގައި ގާއިމުވެ ތިބުމަށް ގަދައަޅާ މަސައްކަތްކުރުން ރަނގަޅުވާނެ އެވެ.

ނަފްސާނީ ދުޅަހެޔޮކަން އިސްކުރުން

އަމިއްލަ ނަފްސުގެ ކުރިއެރުމަށް މަސައްކަތް ކުރުމަކީ މިއަހަރުގެ އެއް އަޒުމު ކަމުގައި ކަނޑައެޅުން ކިހިނެއްވާނެ ހެއްޔެވެ؟ ފޮތް ކިޔުމާއި އާ ތަނަކަށް ދަތުރު ކުރުން ފަދަ ކަންކަމަކީ ތިބާގެ ނަފްސާނީ ސިއްހަތު ރަނގަޅު ކޮށްދޭނެ ކަންކަމެވެ.

ނުރަނގަޅު އާދައެއް ދޫކޮށްލުން

ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުފުން އަދި ސުޕާރީ ކެއުމަކީ ސިއްހަތަށް ކިހާ ގެއްލުންހުރި ކަމެއްކަން އެންމެންނަށް ވެސް އެނގެ އެވެ. ބޭއިޚުތިޔާރުގައި ނަމަވެސް މި އާދަތަކަށް އަހަރުމެންގެ ތެރެއިން ގިނަ ބަޔަކު ވަނީ ދެވި ހިފާފަ އެވެ. މި ފެށޭ އަހަރަކީ މިފަދަ ނުރަނގަޅު އާދަތަކުން ދުރުވުމަށް ލިބޭ ފުރުސަތަކަށް ހެދުން ރަނގަޅުވާނެ އެވެ.