ދަރިންގެ މެދުގައި ތަފާތު ކުރެވޭ ނުވަތަ ނުކުރެވޭ ކަމަށް ބުނުމަކީ ދެގޮތަށް ވާހަކަ ދެއްކޭ މައުލޫ އެކެވެ. ގިނަ މައިންބަފައިން އެކަމަށް އިންކާރު ކުރާއިރު ކުދިން އެއާމެދު ދެކޭގޮތް ތަފާތެވެ.

މި މައްސަލައަކީ އެތައް ޒަމާނެއްވެފައިވާ މައްސަލަ އަކަށް ވާއިރު މިއީ ކުދިން ހެދިބޮޑުވުމުގަ އާއި ނަފުސާނީ ގޮތުން އޭގެ ނޭދެވޭ އަސަރު ކުރާ ކަމެކެވެ. ހާއްސަކޮށް ކުދިންގެ އުޅުމަށް ނޭނގި ހުއްޓައި އެތައް ބަދަލުތަކެއް އައިސްގެން ދާކަމަކަށް މިކަން ވަނީ ވެފައެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކުދިންނަށް ތަފާތު ކުރާކަން އަމިއްލައަށް އިހްސާސްވާން ފަށާ ކުދިން ކުޑައިރުން ފެށިގެން އެކި ކަހަލަ ގޯނާތަކަށް ހުޅުވެ އެވެ. މި މައްސަލަ އެންމެ ބޮޑު ވަނީ އާއިލާ ތެރޭގައި އެހާ ބޮޑަށް ގުޅުން ބަދަހި ނުވާ ކަމުގައި ވާނަމަ އެވެ. މީގެ އިތުރުން ކުދިންގެ މެދުގައި ތަފާތު ކުރާނަމަ އެބައެއްގެ ތެރޭގައި އޮންނަން ޖެހޭ ގުޅުމަށް ވެސް ބުރޫ އަރައި މައްސަލަތައް ޖެހެ އެވެ.

ކިތަންމެ ވަރަކަށް ނޫނެކޭ ބުންޏަސް ހަގީގަތަކީ ކޮންމެ މައެއްވެސް އަދި ބަފައެއްވެސް ކޮންމެވެސް އެއް ދަރިއަކާ ގާތްވުން އެއީ ވުން އެކަށީގެންވާ ކަމެއް ކަމެވެ. ދަރީންގެ މެދުގައި ތަފާތު ނުކުރާން ހިތުގައި އޮތަސް ކުދި ކުދި ކަންކަމުގައި ވެސް ތަފާތުކުރެވޭ ތަން އާދެ އެވެ.

ދަރިން ތަފާތު ކުރެވޭނަމަ އެއީ އެކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެ އެވެ. ބައެއް ކުދިން ކިޔަވަން މޮޅުވި ނަމަވެސް އަނެއްބައި ކުދިން ކުޅިވަރަަށް މޮޅުވެދާނެ އެވެ. ދަރިންގެ މެދުގައި އަޅާކިޔުން ގިނަކުރާނަމަ އެއްބަނޑު އެއްބަފާ ކުދިންގެ މެދުގައި ނަފްރަތު އުފެދި ގުޅުންތައް ހީނަރުވުން އެކަށީގެންވެއެވެ.

މިއީ މައިންބަފައިންނާ ދަރިންވެސް ދުރުވާނެ ކަމެކެވެ. އެހެން ކަމުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ދަރީންގެ އިހްސާސްތައް ދެނެގަންނަން މަސައްކަތް ކުރާށެވެ. ހާއްސަކޮށް ކުއްޖާއަށް ތަފާތު ކުރާކަން އިހްސާސްވެ އެވާހަކަ ބުނާކަމުގައި ވާނަމަ ނުވަތަ އެކުއްޖާގެ އުޅުމުން އެކަން ފާހަގަ ވާނަމަ ވާހަކަދައްކައި އެކުއްޖާ ދައްކަން ބޭނުންވާ ވާހަކަ އަޑު އަހާށެވެ. އަދި ކަންކަން މުޅިން ދޮގު ކުރުމުގެ ބަދަލުގައި އެކަން ބަލައިގަންނަން މަސައްކަތް ކުރުން މުހިއްމެވެ.

ކުދިންނަކީ ލިބޭ ލޯތްބާއި ސަމާލުކަމުން ބޭނުން ގޮތަކަށް ބައްޓަން ކުރެވޭ ބައެކެވެ. ކޮންމެ މަޔަކުވެސް އަދި ބަފަޔަކުވެސް ބަލަންވާނީ ހުރިހާ ދަރީންނަށް އެއްވަރަކަށް ސަމާލުކަމާއި ވަގުތު ދެވޭތޯ އެވެ.