ގިނަ ބަޔަކު ބަރުދަން ލުއިކުރަން މަސައްކަތް ކުރަނީ ކާތަކެއްޗަށް ނުވަތަ ކާ މިންވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން ގިނަ ބަޔަކު ރޮއްޓާއި ބަތް އަދި ހަވާދާއި ކިރުގެ ބާވަތްތައް އެއްކޮށް ހުއްޓާލައިގެން ވަރަށް ހާލުގައި އުޅޭ ތަން ވެސް ފެނެ އެވެ.
ކާން ގެންގުޅޭ ތަށީގެ ސައިޒު ކުޑަ ކުރުމަކީ ބަރުދަން ލުއި ކުރުމަށް ކުރެވޭ ރަނގަޅު ކަމެއް ކަމަށް ދިރާސާތަކުން މިވަނީ ދައްކާފަ އެވެ. އެގޮތުން ތަށީގެ ސައިޒު ކުޑަވާ ވަރަކަށް ގިނައިން ކެވޭ ކަމުގެ އިހުސާސް ކުރުވަ އެވެ. އެހެން ކަމުން ނުސީދާ ގޮތެއްގައި ކެވޭ މިންވަރު މަދު ކޮށްދޭ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
ބޮޑެތި ތަށި ކާން ބޭނުން ކުރާ ނަމަ ނޭނގި ނަމަވެސް ކެވޭ މިންވަރު އިތުރުވާނެ އެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ކެވޭކަމުގެ އިހުސާސް ކުރެވޭ ނަމަ ކާން ބޭނުންކުރާ ތަށީގެ ސައިޒް ކުޑަ ކުރުމަކީ މަދުން ކެއުމަށް ކުރުން އެދެވިގެންވާ ކަމެކެވެ.
މީގެ އިތުރުން އެ ދިރާސާގައި ފާހަގަ ކޮށްފައިވާ ގޮތުން ހުދު ކުލައިގެ ތަށީގައި ކެވޭ މިންވަރު ވެސް ގިނަ އެވެ. އޭގެ ބަދަލުގައި ގަދަ ކުލައެއްގެ ތަށްޓެއް ބޭނުން ކުރާނަމަ ކެވުން މަދުވެ އެވެ. އެހެން ކަމުން ދެން ގެއަށް ތަށި ގަންނައިރު މިކަމަށް ވިސްނާލާށެވެ.
ބަރުދަން ލުއިކުރަން ޑައިޓީޝަނުންނަށް ދައްކާ މީހުންނަށް ޑައިޓީޝަނުން ވަގުތުން ޑައިޓް ހަދައިދިނުމުގެ ބަދަލުގައި ގިނައިން ބޭނުންކޮށް އުޅެނީ މިކަހަލަ މަޖާ އުކުޅުތަކެވެ.