އެމެރިކާގެ ހޮސްޕިޓަލެއްގައި 15 މިނެޓު ދުރުކޮށް ދުނިޔެއަށް އުފަންވި އެއްމާބަނޑު ދެބެއިންގެ އުފަން ދުވަސް ތަފާތު ދެ އަހަރަކަށް ވެއްޖެ އެވެ.

ދެބެއިންގެ ތެރެއިން ފިރިހެން ކުއްޖާ އަލްފްރޭޑޯ 2021 ވަނަ އަހަރު ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ 11:45ގައި އުފަންވި އިރު އަންހެން ކުއްޖާ އައިލިން އުފަން ވެފައިވަނީ އޭގެ ބަރާބަރު 15 މިނެޓު ފަހުން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު 00:00ގަ އެވެ.

ނަޓިވިޑެޑް މެޑިކަލް ސެންޓަރުން ނެރުނު ނޫސްބަޔާނެއްގައި ދެ ކުދިންގެ މަންމަ ފާތިމާ ބުނެފައިވަނީ އޭނާގެ ކުދިންގެ އުފަން ދުވަސް ދެ ދުވަހަކަށް ވުމަކީ ހައިރާން ކުރުވަނިވި ކަމެއް ކަމަށާއި ނަމަވެސް އެކަން އެހެން ވީތީ އުފާ ކުރާ ކަމަށެވެ.

ކެލިފޯނިއާގެ ގްރީން ފީލްޑަށް ނިސްބަތްވާ މި އާއިލާގައި މިހާރުވެސް ތިން ކުދިން ތިބިއިރު އަލްފްރޭޑޯއާއި އައިލިން ލިބުމަކީ އާއިލާއަށް ލިބުނު އުފަލެއް ކަމުގައި ފާތިމާ ބުންޏެވެ.

މި ޑެލިވަރީގައި ހަރަކާތްތެރިވި އިސް ޑޮކްޓަރު ޑރ އަނާ އެބްރިލް އޭރިއަސް ވިދާޅުވީ މިއީ ވަރަށް ނާދިރު ކަމެއް ކަމަށާއި އެކަން ހާއްސަ ވަނީ އެހެންވެ ކަމަށެވެ.

"މިއީ އަހަރެނަގެ ހަޔާތުގައި ވެސް ކުރިމަތިވި އެންމެ ހަނދާނުން ފުހެލަން އުނދަގޫވާނެ ކޭސް، އާއަހަރު ފެށުނީ ވަރަށް ރަނގަޅަށް" އަނާ ބުންޏެވެ.

އެމެރިކާގައި ކޮންމެ އަހަރަކު ވެސް 120،000 އަށްވުރެ ގިނަ އެއްބާމަނޑު ކުދިން އުފަންވެ އެވެ. އެއީ ޖުމްލަކޮށް އުފަންވާ ކުދިންގެ ތިން ޕަސެންޓެވެ.