އައިސް އަލަމާރީގައި ކާބޯތަކެތި ތޮއްޖެހި ނުބައި ވަސް ދުވުމަކީ ވަރަށް ގިނައިން ކުރިމަތިވާ ކަމެކެވެ. އައިސް އަލަމާރި ތެރޭގައި ކާއެއްޗެހި ގިނަ ދުވަސްވުމުގެ ސަބަބުން ދުވާ ނުބައި ވަސް ފިލުވާ ލުމަށް ކުރެވިދާނެ ބައެއް ކަންކަމަށް މި ލިޔުމުގައި ބަލާލާނަމެވެ.
އެންމެ ފުރަތަމަ ކަމަކަށް، އައިސް އަލަމާރީގައި ހުންނަ ކޮންމެ ބަރިއެއްގައި ރަބަރު މެޓެއް ކަހަލަ އެއްޗެއް އަޅާށެވެ. އޭރުން އެއްޗެއް ފުރިޖްތެރެއަށް އެޅުނަސް ދޮވެ ސާފުކުރަން ފަސޭހަވާނެ އެވެ.
ދެން އައިސް އަލަމާރީގައި ބަހަށްޓަން ބޭނުންވާ ވައްތަރުތަކުގެ އެއްޗެހި ގްރޫޕް ކޮށްލާށެވެ. ފެންފުޅި އަދި ޖޫސް ފުޅިތައް ފަދަ ހުރިހާ ފުޅިތަކެއް ބަހައްޓާނީ އައިސް އަލަމާރީގެ ދޮރުގަ އެވެ. މިފަދަ އިތުރު ބައެއް ހުންނަ ނަމަ ޕެކެޓްކުރި ތަކެތި އެ ބައިތަކުގައި ބަހައްޓާ ށެވެ.
ބިސް ފަދަ ތަކެތި ބަހައްޓަން ބޭނުންވާ ނަމަ، ބިސް ބަހައްޓާ ކުޑަ ޓްރޭއެއް ހޯދާށެވެ. ޖާގަ ސަލާމަތްވެފައި ފަސޭހަވާނެ އެވެ. ކިރު އެކުލެވޭ ބިސް ޔޯގަޓް، ފަދަ ޑެއިރީ ޕްރޮޑަކްޓްތަކަށް އެންމެ ރަނގަޅުވާނީ ގަނޑުކުރާ ބައި ފިޔަވައި ދެން އެންމެ ފިނި ހިސާބެކެވެ. ތަފާތު ސެލެޑްތަކާއި އެއްފަހަރު ކެއުމަށްފަހު ފަހުން ކެއުމަށް ރައްކާކުރަން ބޭނުންވާ ކާތަކެތި ގިނައިރަށް ބަހައްޓަން ބޭނުންވާ ނަމަ ހޯދަންވީ އެމީހެއްގެ އައިސް އަލަމާރީގެ ސައިޒާއި އެކަށޭނަ، މަތިޖަހާފައި ހުންނަ ތަށިތަކެވެ. މައިކްރޯވޭވް ބޭނުންކުރާ ގެއެއް ނަމަ، އެއަށްވެސް ބޭނުންކުރެވޭނޭ ތަށި ހޯދުން ވެގެންދާނީ އިތުރު ލުޔަކަށެވެ.
ހިކަނދިފަތް، ފިޔާ، މިރުސް އަދި ލޮނުމެދު ފަދަ ބާވަތްތަކަކީ ކޮންމެހެންވެސް ކެއުމުގައި ހިމަނަންޖެހޭ އާންމު ބާވަތްތަކެވެ. މި ހުރިހާ ތަކެއްޗެއް ވެސް އައިސް އަލަމާރީގައި ފަސޭހަކަމާ އެކީ ބެހެއްޓިދާނެ އެވެ. މިކަމަށް ބޭނުންވަނީ އެމީހެއްގެ އައިސް އަލަމާރިއާ އެކަށޭނަ ބާސްކެޓްތަކެކެވެ.
ކޮންމެ ބާވަތެއް ވެސް ކެއްކުމަށް ބޭނުންވާނޭހެން ތޮށި ނޮޅައި، ދޮވެ އަދި ހިއްކާފައި ޕްލާސްޓިކް ޒިޕް ލޮކް ބޭގްސްތަކުގައި ބަހަށްޓާށެވެ. ވަސް ވެސް ނުދުވާނެ އެވެ. ޖާގަ ވެސް ސަލާމަތްވާނެ އެވެ. މިފަދަ އިތުރު ބަރިއެއް ހުރި ނަމަ، ބާސްކެޓެއްގައި ވަކިވަކީން ޑްރައިޑް ފްރުޓް ބަހައްޓާށެވެ.
ސަމާލުކަން ދޭންވީ، މޭވާ އާއި ތަރުކާރީ އެއްކޮށް ނުބެހެއްޓުމަށެވެ. ސަބަބަކީ މޭވާއިން ދޫކުރާ ގޭހަކުން ތަރުކާރީތައް ހަލާކުވާނެތީ އެވެ.
އައިސް އަލަމާރީގެ އެންމެ ތިރީގައި ހުންނަ ކްރިސްޕަ ބޮކްސް އަކީ ތަރުކާރީ އަދި ފެހިބާވަތްތައް ބަހައްޓަން އެންމެ އެކަށޭނަ ތަނެވެ. މި ތަކެތި ވެސް ދޮވެ ސާފުކޮށް ޒިޕް ލޮކް ބޭގްސް ތަކުގައި ބަހައްޓާއިރު، ހައި ހިއުމިޑިޓީ މޯޑް ގައި ބެހެއްޓުމުން ގިނަ ދުވަހަށް ތަރުކާރީތައް ތާޒާކަމާ އެކު ހުންނާނެ އެވެ.
މީގެއިތުރުންވެސް ފްރިޖުގައި ނުބައިވަސް ފެތުރުން ހުއްޓުވުމަށްޓަކައި، ކުޑަ ބޭކިންގް ސޯޑާ ކޮޅެއް ފްރިޖް ތެރޭ ބެހެއްޓުމުން ރަނގަޅުވާނެ އެވެ.