ބަރަބޯ އަކީ އަޅުގަނޑުމެން ދިވެހިންގެ ކެއުމުގައި ކުރީއްސުރެ ހިމަނައިގެން ކާ ބާވަތެއްގެ ތަރުކާރީއެކެވެ. ޑައިޓަރި ގައިޑްލައިން ތަކުގައި ބަރަބޯ ހިމެނެނީ ސްޓާޗީ ވެޖިޓަބަލް ނުވަތަ ހަކަތަ އުފައްދާ ތަރުކާރީގެ ލިސްޓްގަ އެވެ. އެއީ ޖޯޑެއްހާ ރޯ ބަރަބޮލުގައި ½ ޖޯޑު ބަތުގައި ހުންނަހާ ހަކަތަ އާއި ކާބޮހައިޑްރޭޓް އެކުލެވޭތީ އެވެ.

އަޅުގަނޑުމެން އިހުއްސުރެ އާއްމުކޮށް ބަރަބޯ ކައި އުޅެނީ ރިހަ ކައްކައިގެން ނުވަތަ ބޯކޮށްގެނެވެ. މީގެ އިތުރުން ބަރަބޮލު މުރުއްބަ، ބަރަބޮލު ޕިރިނީ ފަދަ ތަކެތި ވެސް ކައި އުޅެ އެވެ. މިހާރަކަށް އައިސް ބަރަބޯ ފެނުކައްކައިގެ ނުވަތަ ސްޓީމް ކޮށްގެން ވެސް ކައި އުޅެ އެވެ.

ސިއްހީ ގޮތުން ބަލާނަމަ މި ގޮތްގޮތުން އެންމެ ރަނގަޅީ ބަރަބޯ ސްޓީމް ކޮށްގެން ނުވަތަ ފެން ހިންދާ ކައްކައިގެން ނުވަތަ ރިހައަށް އަޅައިގެން ނުވަތަ ފިހެގެންނެވެ. އަދި ބަރަބޯ ކައްކަން ބޭނުން ކުރާއިރު ބަރަބޮލުގެ ތޮއްޓާއި އޮށްކޮޅު ވެސް ހިމެނޭގޮތަށް ކައްކާނަމަ ބަރަބޮލުން ލިއްބައިދޭ ފައިދާތައް މާ ފުރިހަމައަށް ލިބިގެން ދާނެއެވެ.

ބަރަބޮލަކީ ގޮހޮރުގެ ބަލިތަކުން ދިފާއުވުމަށާއި ލޭގެ ޕްރެޝަރް އަދި ލޭގެ ކޮލެސްޓްރޯލް ކޮންޓްރޯލް ކުރުމަށް ބޭނުންވާ ޑައިޓަރީ ފައިބަރު ގިނައިން ހިމެނޭ ބާވަތެކެވެ.

މީގެ އިތުރުން ރޭކަނުވުމުން ރައްކާތެރި ކޮށްދޭ ވައިޓަމިން އޭ، ދިފާއީ ނިޒާމް ވަރުގަދަކޮށްދޭ ވައިޓަމިން ސީ އާއި ވައިޓަމިން އީ، އަދި މި ނޫނަސް އެތައް ބައިވަރު ވައިޓަމިންގެ އިތުރުން ކެންސަރަށް މަގުފަހި ކުރުވާ ފްރީ ރެޑިކަލްސް އާއި ހަމަލާ ދޭ އަލްފާ އަދި ބީޓާ ކެރޮޓީން ގިނައިން ހިމެނޭ ކާނާގެ ބާވަތެކެވެ.