ޖެނީވާ (11 ޖެނުއަރީ) - ޔޫކްރެއިން މައްސަލާގައި ރަޝިއާއާއި އެމެރިކާއާ ދެމެދު އޮތް މަޝްވަރާ ބައްދަލުވުން ނިމުމަކަށް އައިސްފައިވާއިރު އެ މަޝްވަރާތަކުން އެދެވޭ ކުރިއެރުމެއް ނުލިބޭ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފި އެވެ.
ޖެނީވާގައި ހަތް ގަޑިއިރަށް ދެމިގެން ދިޔަ މި ބައްދަލުވުމުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ޑިޕްލޮމެޓުންނާއި ރަޝިއާގެ ޑިޕްލޮމެންޓުން ބައިވެރިވެފައިވާއިރު ނަތީޖާއެއް ނެރުމަށް ވަނީ ނާކާމިޔާބުވެފަ އެވެ.
ބައްދަލުވުން ކުރިއަށް ދިޔައިރު މަޝްރަހް ހޫނުވެދާނެތީ އަސްކަރީ އޮފިޝަލުން ވެސް ތިބި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެމެރިކާއާއި ނޭޓޯ އިސްވެ ހުޅަނގުގެ ގައުމުތަކުން ވަނީ ރަޝިއާއިން ޔޫކްރެއިންއަށް ހަމަލާ ދީފިނަމަ އެ ކަމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ރައްދުގައި ރަޝިއާއިން ވަނީ ޔޫކްރެއިން އާއެކު މަޝްރަހު ފިނި ކުރެވޭނީ އެގައުމުގެ ޝަރުުތުތަކަކަށް ނޭޓޯއިންނާއި އެމެރިކާއިން އެއްބަސްވެގެން ކަމަށް ބުނެފަ އެވެ.
އެގޮތުން ނޭޓޯއަށް އިތުރު މެމްބަރުން އިތުރު ކުރުން ހުއްޓާލަން ރަޝިއާއިން ޝަރުތު ކޮށްފައިވާއިރު ނޭޓޯގެ އިސްވެރިން ވަނީ މިކަމަށް ދެކޮޅު ހަދައި ޖަމާއަތް ފުޅާކުރުން ހުއްޓާ ނުލާނެ ކަމަށް ބުނެފަ އެވެ.
މި މައްސަލަ ހޫނުވެ އދގެ ސަލާމަތާ ބެހޭ މަޖިލީހުން ވެސް ވަނީ ޔޫކްރެއިންއާއި ރަޝިއާގެ މަޝްރަހާ މެދު ކަންބޮޑުވުން ފާޅުކޮށް ސުލްހައަށް މަސައްކަތް ކުރުމަށް ގޮވާލާފަ އެވެ. -- އަލް އަރަބިއްޔާ