އިސްތަށިގަނޑު ރީތިކޮށް ގެންގުޅެން ހަމަ އެކަނި މުހިންމީ ބޮލުގައި ލާން ގަންނަ ޕްރޮޑަކްޓުތައް އެކަންޏެއް ނޫނެވެ. ރަނގަޅަށް ބޯ ދޮވެ ކޮންޑިޝަނާކޮށް އެންމެ ފަހުގެ ޓްރެންޑުތަކުގައި ބޭނުންކުރާ ޕްރޮޑަކްޓުތަށް އުނގުޅައިގެން އުޅުނަސް ފުނާ ސާފު ނުކުރާނަމަ އޭގައި އުފެދިފައިވާ ޖަރާސީމުތައް ބޮލުގައި އުނގުޅޭނެ އެވެ. މިހެންވުމުން ކިތަންމެ ވަރަކަށް ބޯ ދޮވުނަސް ކިލައާއި ޖަރާސީމު ބޮލުގައި ހަރުލާފައި ހުންނާނެ އެވެ.
ފުނާ ސާފުކުރަން ޖެހޭނީ ކިހާ އަވަހަކަށް؟
ރީތިވާން ބޭނުންކުރާ ސާމާނު މަހަކު އެއްފަހަރު ދޮވެލުމުން ރަނގަޅުވާނެ ކަމަށް ބައެެއް މީހުން ބުނެ އެވެ. އެކަމަކު މާހިރުން ބުނާގޮތުން ނަމަ އެއީ މާ ގިނަ ދުވަހެވެ. ހާއްސަކޮށް، ތެޔޮ ނުވަތަ މޮއިސްޗަރައިޒްކުރަން ބޮލުގައި ޕްރޮޑަކްޓުލާ ނަމަ އެ ހުރިހާ އެއްޗެއް ފުނަލުގައި އެއްވެ ބެކްޓީރިއާ އަދި ޔީސްޓް ވަރަށް ފަސޭހައިން އުފެދެން މެދުވެރިވެ އެވެ. މިކަމުގެ ސަބަބުން ބޮލުގައި ހަންފޮޅުމާއި، ބައެއް ފަހަރު ތަންތަންކޮޅު ދުޅަވެ، ހިރުވާ އަދި އިސްތަށީގެ ބުޑު ބެދޭގޮތްވެ އެވެ. އެހެންކަމުން އެންމެ ރަނގަޅީ 5-4 ފަހަރު ބޭނުންކުރުމަށް ފަހު ފުނާ ދޮވެލުމެވެ.
ފުނާ ދޮންނާނީ ކިހިނެއް؟
ފުނާ ސާފުކުރާކަށް މާ މޮޅެތި ކެމިކަލް ޕްރޮޑަކްޓުތަކެއް ބޭނުމެއް ނުވާނެ އެވެ. ސައިބޯނި ލައިގެން ދޮވެލިއަސް ކޮންމެވެސް ވަރެއް ވާނެ އެވެ. އެކަމަކު އެންމެ ރަނގަޅީ ފުނަލުގައި އެއްވެފައި ހުންނަ އިސްތަށިތައް ފުރަތަމަ ނެގުމަށް ފަހު ފެންއެއްޗަކަށް ޝޭމްޕޫ އާއި ބޭކިން ސޮޑާ އެއްކޮށްލުމަށް ފަހު އޭގެ ތެރޭގައި 30 މިނެޓުވަންދެން ފުނާ ބޭއްވުމެވެ. އަދި ކުޑަ ބުރުހަކުން އުނގުޅާލާފައި ނެގުމަށް ފަހު ހިއްކަން ބާއްވާލާށެވެ.
ފުނާ ބަދަލުކުރަން ޖެހޭނީ ކިހާ އަވަހަކަށް؟
ރަނގަޅު ފެންވަރުގެ ފުނަލެއް އެތައް އަހަރުތަކެއް ވަންދެން ގެންގުޅެވިދާނެ އެވެ. އެކަމަކު ވަރަށް ގިނަ ޕްރޮޑަކްޓު އިސްތަށުގަނޑުގައި ބޭނުންކުރާ މީހެއް ނަމަ، ފުނާ ސާފުކުރިއަސް ރަނގަޅުވާޅީ އަވަހަށް އާ ފުނައެއް ހޯދުމެވެ. އެއީ ބައެއް ޕްރޮޑަކްޓުތައް އެއްވެ ފުނާ ސާފުކުރަންވެ ސް އުނދަގޫވާ ހިސާބުންނެވެ. މީގެ އިތުރުން ފުނަލުގައި ހުންނަ ކުދި ދަތްތައް ބަނޑިވެ ނުވަތަ ބިނދިފައި ހުއްޓާ ބްލޯޑްރައިކުރަން ނުވަތަ ފުނާ އަޅަން ބޭނުންކުރާ ނަމަ އިސްތަށިތައް ވަރަށް ފަސޭހައިން ބުރިވާން މަގުފަހިވެ އެވެ. ފުނާ ބަދަލުކުރަން ވެއްޖެތޯ ޔަގީން ނުވާ ނަމަ 6-12 މަސްތެރޭ ފުުނާ ބަދަލުކޮށްލާށެވެ.