އެމެރިކާގެ ތާރީހުގައި ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓަކަށް މިހާތަނަށް ނުލިބޭހާ ގިނަ ވޯޓު، ޑިމޮކްރެޓިކް ކެންޑިޑޭޓު ޖޯ ބައިޑެންއަށް ލިބިވަޑައިގެންފި އެވެ.

މި އިންތިހާބުގައި މިހާތަނަށް 70,3 މިލިއަން ވޯޓާއެކު ބައިޑެން މިވަނީ މީގެ ކުރިން ބަރަކް އޮބާމާ ގާއިމުކޮށްފައިވާ ރިކޯޑު ވެސް މުގުރާލައްވައިފަ އެވެ.

އޮބާމާ މި ރިކޯޑު ގާއިމުކުރެއްވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި 69.4 މިލިއަން ވޯޓު ހޯއްދަވައިގެންނެވެ.

މީގެ ކުރިން އެމެރިކާގެ ނައިބު ރައިސްކަން ވެސް ކުރައްވާފައިވާ ޖޯ ބައިޑެންއަށް މިހާ ގިނަ ވޯޓު ލިބިފައި މިވަނީ މިއަހަރު ވޯޓު ލީ މީހުންގެ އަދަދު ނިސްބަތުން ވެސް އިތުރުވުމުން ކަމަށް ބެލެވެ އެވެ.

އިންތިޚާބު އޮންނަ ދުވަހުގެ ކުރިންވެސް 102 މިލިއަން މީހުން ވަނީ ވޯޓުލައި ނިންމައިފަ އެވެ. މިއީ މި ފާއިތުވެދިޔަ ގަރުނެއްގެ ތެރޭގައި ވެސް އެމެރިކާގެ އިންތިޚާބެއްގައި މިހާގިނަ މީހުން ވޯޓުލި އިންތިޚާބެވެ.

ޕެންސިލްވޭނިއާ، މިޝިގަން، ޖޯޖިއާ އަދި ނެވެޑާ ފަދަ ސްޓޭޓްތަކުގެ މެއިލް- އިން ވޯޓުތައް ގުނާ ނިމޭ އިރު ބައިޑެންއަށް ލިބިވަޑައިގަންނަވާ ޕޮޕުލާ ވޯޓުގެ އަދަދު މިހާރަށްވުރެ އިތުރުވެގެން ދާނެ އެވެ.

މެއިލް-އިން ވޯޓުތަކުން ކުރި ހޯއްދަވާނީ ބަައިޑެން ކަމަށް ވަނީ ބެލެވިފަ އެވެ.