މި ސަރުކާރުން ފައިސާ ޗާޕު ނުކުރާނެ ކަމަށް ބުނި ނަމަވެސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
މިއިދިކޮޅު އެމްޑީޕީން "ޑޮލަރެއް ނެތް" ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، ސަރުކާރުން ފައިސާ ޗާޕު ނުކުރާނެ ކަމަށް ތަކުރާރުކޮށް ބުނަމުންދިޔަ ނަމަވެސް، އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން މިހާރު ފައިސާ ޗާޕުކުރަން ފަށާފައިވާކަން ރަސްމީ ހިސާބުތަކުން ސާފުވާ ކަމަށެވެ.
އަމީރު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތު އޮތްގޮތުން އެންމެ މުހިންމު ކަމަކީ ދައުރުވާ ފައިސާގެ އަދަދު މަދުކޮށް، ހަރަދުތައް ކުޑަކުރުމެވެ. ނަމަވެސް، އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އާއި ސަރުކާރުގެ ފިސްކަލް ޕޮލިސީ ހުރީ އެ އަމާޒަށް ވާސިލުވާ ގޮތަށް ނޫން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
މިދިޔަ ދެ އަހަރާއި ބައިގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން އަމީރު ވިދާޅުވީ، ކުރިން 9.6 ބިލިއަން ރުފިޔާގައި ހުރި ޓްރެޝަރީ ސެކިއުރިޓީސްގެ އަދަދު މިހާރު 21 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. މިއީ ގާތްގަނޑަކަށް 11 ބިލިއަން ރުފިޔާގެ އިތުރުވުމެއްކަން އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، ބާޒާރުގައި ދައުރުވާ ފައިސާގެ ޖުމްލަ އަދަދު 78 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ސަރުކާރުން ގެންގުޅެނީ ހާލަތާ ނުބައްދަލު ސިޔާސަތުތަކެއް ކަމަށް އަމީރު ވިދާޅުވި އެވެ.
ކުރީގެ މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ނުގެނެވި، ސަރުކާރުގެ އިސްރާފުތައް ދަނީ އިންތިހާއަށް އިތުރުވަމުން ކަމަށެވެ. މީގެ ސަބަބުން ގައުމުގެ އިގްތިސާދީ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.
މީގެ އިތުރުން، ޕެންޝަން އޮފީސް މެދުވެރިކޮށް 2.4 ބިލިއަން ރުފިޔާ ޗާޕުކުރަން ސަރުކާރުން ރާވާފައިވާ ކަމަށްވެސް އަމީރު ވިދާޅުވި އެވެ. މި މައްސަލައިގައި ޕެންޝަން އޮފީހުގެ އޭރުގެ އިސްވެރިންނާއި ބޯޑު މެންބަރުން އިސްތިއުފާ ދެއްވާފައިވާކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.
އަމީރު މިފަދަ ތުހުމަތުތަކެއް ކުރެއްވި ނަމަވެސް، ރައީސް މުހައްމަދު މުއިއްޒާއި ސަރުކާރުގެ ވަޒީރުން ގެންދަވަނީ މި ސަރުކާރުން ފައިސާ ޗާޕު ނުކުރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
އަހަރެން މިހުރީ ހުސްކޮށް: ވެދާންގް
މޭޒުދޮށު ވަޒީފާތަކުން ބުރަކަށްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ!
ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް 7 ދަރިވަރަކަށް