މޫނުގައި ކަޅު ލައް ނެގުމަކީ ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. މޫނުގައި ލައް ނެގުމަށް ދިމާވަނީ އެކި ސަބަބުތަކާ ހުރެ އެވެ. އެގޮތުން އަވީގައި މާ ގިނައިރު އުޅުމާއ ހަށިގަނޑަށް ބޭނުންވާ މާއްދާއެއް މަދުވުމާއި ރަނގަޅު ކާނާ ނުކެއުމުގެ އިތުރުން ނިދި ހަމަނުވުމަކީ މިފަދަ ބައެއް ސަބަބު ތަކެވެ. މި ލިޔުމުގައި މި ބަލާލަނީ މިކަމަށް ގޭގައި ކުރެވިދާނެ ބައެއް ފަރުވާ އަށެވެ.

ރީނދޫ

ރީނދުލަކީ ހަމުގެ އުޖާލާކަށް އިތުރުކޮށް، ބިހި ނެގުމުން ދުރުކޮށްދޭ މާއްދާ އެކެވެ. ދެ ސަމުސާ ރީނދުލަށް ކުޑަ ކިރު ކޮޅެއް އެޅުމަށްފަހު މޫނުގައި ހާކާށެވެ. އަދި 10 މިނެޓް ފަހުން ދޮވެލާށެވެ. ހަފްތާއަކު ދެ ފަހަރު ބޭނުން ކުރުމުން ލައްތަކުގެ ކުލަ މަޑުވާނެ އެވެ.

ލުނބޯ

މިއީ ރީތިވުމަށް ތައްޔާރުކޮށްފައި ހުންނަ ގިނަ ޕްރޮޑަކްޓްސް ތަކުގައި އެންމެ ގިނައިން ބޭނުން ކުރާ އެކައްޗެވެ. ލުނބޯ ހުތުން ކަފަކޮޅެއް ފޯކޮށްލުމަށްފަހު ލައްތަކުގައި އުނގުޅާށެވެ. އަދި 15-10 މިނެޓް ފަހުން ދޮވެލާށެވެ. ލުނބޯ ހޭކުން ރަނގަޅީ ހަފްތާއަކު އެއްފަހަރު ނުވަތަ ދެފަހަރު އެވެ.

އެލޯވެރާ

އެލޯވެރާ އަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. މިއީ ގޭތެރޭގައި އުފެދޭ ނުސާފުވައި ސާފުކޮށްދިނުމުގެ އިތުރުން ހަށިގަނޑަށް ވެސް އެހާމެ ފައިދާ ހުރި ބޭނުންތަކެއް ހިފޭ ގަހެކެވެ. އެލޯވެރާ ފަތެއް ފަޅި ކޮށްލުމަށްފަހު އޭގައި އެކުލެވޭ ޖެލް މޫނުގައި އުނގުޅައި އިނގިލީގެ ކުރިން މަސާޖް ކޮށްލާށެވެ. ހަފްތާއަކު ދެފަހަރު އެލޯވިރާ އުގުޅުމުން ތަފާތު ފެނިގެންދާނެ އެވެ.