ބޮލުން އިސްތަށި ފޭބުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ވަރަށް ގިނަމީހުން ކަންބޮޑުވާ އާންމު މައްސަލަ އެކެވެ. އެގޮތުން ދިވެހިންގެ ތެރޭގައި ވެސް މިމައްސަލަ ކުރިމަތިވާ މީހުން ވަރަށް ގިނަ އެވެ. ޚާއްޞަކޮށް އަންހެން ބޭފުޅުންނަށެވެ. ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި ފެންވަރަން ބޭނުންކުރެވޭ ފެނުގެ ސަބަބުންވެސް މިމައްސަލަ ކުރިމަތިވެ އެވެ. އެހެންނަމަވެސް މިއީ އިސްތަށި ފޭބުމަށް މެދުވެރިވާ ހަމައެކަނި ސަބަބެއް ނޫނެވެ.
ބަރުދަން ލުއި ކުރުމުގެ ނަމުގައި ނުކައި ހުރުމުން ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތަކެއް މަދުވެގެންދެ އެވެ. މިގޮތުން އިސްތަށިގަނޑަށް ބޭނުންވާ ވިޓަމިނާއި މިނެރަލްސް މަދުވެ މިކަމުގެ ސަބަބުން އިސްތަށިގަނޑު އާދަޔާ ޚިލާފަށް ބަލިވެ، އިސްތަށި ބުރިވުމާއި ބުޑުންް ލުހިގެން ދިޔުންފަދަ ކަންކަމަށް މަގުފަހިވެ އެވެ.
ދުންފަތަކީވެސް އިސްތަށިގަނޑަށް ހުރި ނުރައްކަލެކެވެ. މީގެ ސަބަބުން އިސްތަށިގަނޑަށް ބޭނުންވާ ‘އޮކްސިޖަން’ ލިބޭ މިންވަރު މަދުވެ އެވެ. މީގެ އިތުރުން ދުންފަތަކީ އުމުރަށް ވުރެ އަވަހަށް އިންސާނާ މުސްކުޅި ކޮށްލާ އެއްޗެއް ކަމަށް ހޯދުންތަކުން ދައްކަ އެވެ. މިގޮތުން ބޮލުން އިސްތަށި ފޭބުމާއި ތަލަ ވުމަކީވެސް މުސްކުޅި ވުމުގެ ނިޝާންތަކެވެ.
އާދަޔާ ޚިލާފަށް ކަންކަމާ ވިސްނާ ފިކުރު ކުރުމަކީވެސް އިސްތަށި ފޭބުމަށް މަގުފަހި ކުރުވާ ކަމެކެވެ. ސަބަބަކީ މިފަދަ ވަގުތު ތަކަކީ ހަށިގަނޑުގައި އައު އިސްތަށި އުފެއްދުމަށް ހުރަސް އަޅާ ދެ ހޯމޯން ކަމުގައިވާ ކޯޓިސޮލް އާއި ނޯރާ ޑްރިނަލައިން ހަށިގަނޑުގައި އުފެދޭ މިންވަރު އިތުރުވާ ވަގުތެވެ.
އިރުގެ އަލީގެ ސަބަބުން އިސްތަށިގަނޑަށް ބޭނުންވާ ވިޓަމިން ޑީ އުފައްދާ މިންވަރު މަތިވެ އެވެ. އެހެންނަމަވެސް ވިސްނާލަންވީ ކަމަކީ މާ ގިނަ ވަގުތު އަވީގައި އުޅޭނަމަ އޭގެން ކުރާ ފައިދާއަށްވުރެ ގެއްލުން ބޮޑުވާނެ ކަމެވެ. އޭރުން އިސްތަށިގަނޑު މުރަނަވެ ދެކަފިވާންވެސް ފަށަ އެވެ.
އިސްތަށި ގަނޑާއި ދަތްތަކާއި ހުރި ގުޅުން ވަކި ކުޑައެއް ނޫނެވެ. ދަތްފަނި ކެއުމަކީވެސް އިސްތަށި ފޭބުމަށް މަގުފަހިކުރުވާ ކަމެކެވެ. ދަތުގެ މައްސަލަތައް ހުންނަ މީހުން ބޮލުގެ ތަންތަންކޮޅު ތަލަވުމަކީވެސް ދިމާވާ މައްސަލަ އެކެވެ. މިހެން ދިމާވަނީ ހަށިގަނޑުގައި ވައިޓް ބްލަޑް ސެލް އުފައްދާ މިންވަރު މަތިވެ އޭގެ ސަބަބުން އިސްތަށި އުފެދުމަށް ހުރަސް އެޅޭތީ އެވެ.
އިސްތަށިގަނޑަށް ލިބޭ ގެއްލުމުގެ ސަބަބުން ލިބިފައި ހުންނަ އުނިކަން ފިލުވާލުމަށްޓަކައި ދެން މިސްރާބު ޖެހެނީ ކޮންމެވެސް ސެލޫން އަކަށެވެ. އެތަނުން ބޭނުންކުރާ ކެމިކަލް ތަކެއްގެ އެހީގައި އިސްތަށިގަނޑަށް ވަގުތީ ރީތިކަމެއް ގެނެސްދެ އެވެ. ނަމަވެސް އިސްތަށިގަނޑު ބުޅި ކުރުމާއި ފަން ކުރުންފަދަ ކަންކަމަށް އެތަންތަނުން ބޭނުންކުރާ ގިނަ ޕްރޮޑަކްޓްސް ތަކަކީ އިސްތަށިގަނޑު ހަލާކުކޮށްލާ ގިނަ ކެމިކަލް ތަކެއް ހިމެނޭ އެއްޗެއްސެވެ.