އަނބަކީ ގިނަގުނަ ފައިދާތަކެއް ހަށިގަނޑަށް ލިއްބައިދޭ މޭވާ އެކެވެ. އަނބުގައި ހިމެނޭ އެންމެ މުހިންމު އެއް ބާވަތަކީ ވިޓަމިން ސީ އެވެ. މީގެ އިތުރުން އަނބަކީ އެންޓި އޮކްސިޑަންޓްސް، ވިޓަމިން އޭ އަދި ފައިބާ ވެސް މުއްސަނދި މޭވާ އެކެވެ.
ދިފާއީ ނިޒާމު ބަލިކަށި ވުމުގެ ސަބަބުން ގައިން ގަޔަށް އަރާ ތަފާތު ބަލިތައް ޖެހުމަށް މަގު ފަހިވެ އެވެ. މީގެ ތެރެއިން އެންމެ އާންމު އެއް ބައްޔަކީ އަރިދަފުސް ރޯގާ އެވެ. އަނބުގައި އެކުލެވިގެންވާ ވިޓަމިން ސީގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދެ އެވެ. އަދި އަރިދަފުސް ރޯގާ ފަދަ ބަލިތަކުން ރައްކާތެރި ވުމަށް އެހީތެރިވެދެ އެވެ.
އެންޓި އޮކްސިޑަންޓްސް ވިޓަމިން ސީ
ވިޓަމިން ސީ އަކީ ހަންގަނޑުގެ ތާޒާކަން ގެނެސްދިނުމުގައި މުހިއްމު ރޯލެއް އަދާކުރާ ދެ ބާވަތެެވެ. މިހެންކަމުން ހަންގަނޑުގެ ރީތިކަން ދާއިމީ ގޮތެއްގައި ދެމެެހެއްޓުމަށް ވެސް އަނބު ކެވިދާނެ އެވެ. ބޮލުގައި ހަންފޮޅުމުން ދުރު ކޮށްދީ އިސްތަށިގަނޑަށް އިތުރު ދިރުމެއް ގެނެސްދިނުމަށް އެހީތެރިވެދޭ އެއް މޭވާއަކީ ވެސް އަނބެވެ.
އެންޓި އޮކްސިޑެންޓްސް އަކީ ކެންސަރާއި ދެކޮޅަށް ހަނގުރާމަކުރަން އެންމެ ވަރުގަދަ އެއް ހަތިޔާރެވެ. އަނބަކީ އެންޓި އޮކްސިޑަންޓްސް ހުންނަ އެއްޗެއް ކަމުން ކެންސަރުގެ ގިނަ ބަލިތަކުން ސަލާމަތް ކޮށްދެ އެވެ. މި މާއްދާގެ ސަބަބުން ހަށިގަނޑުގައި ހަލާކުވެފައިވާ ސެލްތައް އަލުން ރަނގަޅު ކޮށްދެ އެވެ.
ވިޓަމިން އޭ، ސީ އަދި ފައިބާ
ވިޓަމިން ސީ އާއި ފައިބަރ އެކުވެގެން ހަށިގަނޑުގައި ހުންނަ ކޮލެސްޓްރޯލުގެ މިންވަރު އެއް ހަމައެއްގައި ހިފަހަައްޓައިދެ އެވެ. އަދި އަނބުގައި ގިނަ އަދަދަކަށް ފައިބާ އެކުލެވިފައި ހުރުމުން ހަޖަމް ކުރުމުގެ ނިޒާމް ރަނގަޅު ކޮށްދީ ހަށިގަނޑުގެ ބަރުދަން ލުއިކޮށްދިނުމަށް ވެސް އެހީވެދެ އެވެ.
ވިޓަަމިން އޭ އަކީ ލޮލުގެ ފެނުން ރަނގަޅުކޮށްދީ ވިސްނުން ތޫނުކޮށްދޭ ވިޓަމިނެކެވެ. އަނބުގައި ގިނައަދަަދަކަށް ވިޓަމިން އޭ ހިމެނެ އެވެ.