2000 ވަނަ އަހަރު މިސް ޔުނިވާސް ހާސިލްކޮށް ބޮލީވުޑްގައި މުހިންމު ރޯލުތަކެއް ކުޅެދީ، ގިނަބައެއްގެ މަގުބޫލުކަން ހޯދި ލާރާ ދައްތާ، އޭނާގެ ފިލްމީ ކެރިއަރާ ދުރަށް ޖެހުނު ސަބަބު ހާމަކޮށްފި އެވެ.

ލާރާގެ އުމުރުން 30 އަހަރާ ޖެހެންދެން ބޮލީވުޑްގެ ފިލްމުތަކުން އޭނާ ފެނިގެންދާއިރު، އިންޑިޔާގެ ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ލާރާ ބުނީ އޭނާ ފިލްމީ ދާއިރާއިން "ބްރޭކެއް" ނެގީ އަބަދު އެއް ރޯލެއް، އެއް ފަންނާނަކާއި އެކީގައި ކުޅެން ލިބޭތީ ކަމަށެވެ. އަދި އެއް ރޯލެއް އަބަދު ކުޅެ ކުޅެ ވަރުބަލިވީ ކަމަށް ލާރާ ވަނީ ބުނެފަ އެވެ.

އެކަން އެހެންވުމުން ފިލްމުކުޅެން ފޫހިވި ކަމަށާއި، ކޮންމެ ފިލްމެއްގެ ބަތަލާގެ ރޯލު ފިޔަވައިވެސް އެހެނިހެން މުހިންމު ރޯލުތައް ހުންނާނެ ކަމަށް ލާރާ ބުނެ އެވެ. މިގޮތުން ކޮމެޑީ ބައެއް ފިލްމުތައް ލާރާ ކުޅެފައިވާއިރު، ނޯއެންޓްރީ، ހައުސްފުލް، ބާގަމް ބާގް ފަދަ ފިލްމުތަކުން ވެސް ލާރާ ފެނިފައިވެ އެވެ.

އިއްތިފާގަކުން އޭނާއަށް ފިލްމީ ދާއިރާއާ ދުރަށް ދެވުނީ ކައިވެނިކުރުމަށް ފަހުގައި ދަރިއަކު ލިބުނު ދުވަސްވަރުގައިކަން ފާހަގަކޮށް ލާރާ ބުނީ، ގިނަ ބަޔަކު ހީކޮށްފައިވަނީ އޭނާ ފިލްމީ ދާއިރާއާ ދުރަށްދިޔައީ އާއިލާއަށް ވަގުތު ދިނުމަށް ކަމަށެވެ. އެހެންނަމަވެސް އޭނާ އެކަން ދޮގުކޮށް ބުނީ އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި، ދަރިއަކު ލިބުނުފަހުން ވެސް ފިލްމުތަކުގައި މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

ލާރާ އެންމެ ފަހުން ކުޅެފައިވަނީ ބެލް ބޮޓޮމް ނަމަކަށް ކިޔާ ފިލްމެކެވެ.

އެ ފިލްމުގައި އޭނާ ފެނިގެންދާ ރޯލްކުޅެން އޭނާއަށް ގުޅުމުން ސްކްރިޕްޓް ނުކިޔާ ރޯލް ކުޅުމަށް އޯކޭ ދިން ކަމަށާއި އިންދިރާ ގާންދީ ކަހަލަ ވަރުގަދަ ޝަހުސިއްޔަތެއްގެ ރޯލް ކުޅުމަކީ ބޮޑު ޒިންމާއެއް ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި މި ރޯލްކުޅުނީ ވަރަށް ކުޅޭ ހިތުން ކަމަށާއި ފުދޭވަރެއްގެ ތަހުގީގަކާއި ތަމްރީނުތަކެއް ހެދި ކަމަށް ވެސް ލާރާ ވަނީ ބުނެފަ އެވެ.