މިނިއަޕޮލިސް (24 ޖެނުއަރީ) - އެމެރިކާގެ މިނިއަޕޮލިސްގައި ފުލުހުންތަކެއް ދިން އަނިޔާގައި މަރުވި ޖޯޖް ފްލޮއިޑްގެ މަރުގައި ހިއްސާވި އިތުރު ތިން ފުލުހަކަށް ދައުވާކޮށް އެމީހުންގެ ޝަރީއަތްތައް މިއަދަށް ތާވަލް ކޮށްފި އެވެ.

މިނިއަޕޮލިސްގެ ކުރީގެ ފުލުހުން ތަކެއް ކަމަށްވާ އެލެކްޒެންޑާ ކުއެންގް، ތޯމަސް ލޭން އަދި ޓޯ ތާއޯގެ މައްޗަށް އެމެރިކާގެ ހައި ކޯޓުގައި މިއަދު ކުރިއަށް ދަނީ އިންސާނީ ހައްގުތައް ރައްކާތެރިކުރާ މުއައްސަސާއެއްގެ ޒިންމާތަކުގެ ދަށުގައި ހުރެ އިންސާނީ ހައްގުތަކެއް ނިގުޅައިގަތުމުގެ ދައުވާގެ ފުރަތަމަ ޝަރީއަތެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ މައި ފުލުސް ކަމަށްވާ ޑެރެކް ޗައުވިންގެ މައްޗަށް ގަސްދުގައި މީހަކު މަރާލި ކަމުގެ ދައުވާ ސާބިތުވެ 22 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފައިވީ ނަމަވެސް ޗައުވިން އޭނާގެ ކުށަށް އިއުތިރާފު ވުމާއެކު ހުކުމުގެ މުއްދަތު އެއަށްވުރެ ވެސް އިތުރުވުން އެކަށީގެންވެ އެވެ.

އުމުރުން 46 އަހަރުގެ ފްލޮއިޑް މަރުވެފައިވަނީ މިނިއޮޕޮލިސްގައި ކުރިއަށްދިޔަ ހަމަނުޖެހުންތަކެއްގެ ތެެރެއިން ބިންމައްޗަށް ވައްޓާލައި ޗައުވިން އޭނާގެ ކަަރުގައި ކަކޫ ޖަހައިގެން ދިހަ ވަރަކަށް މިނެޓު ހުރުމުން ނޭވާ ނުލެވި ހާސްވެގެންނެވެ. ކުއެންގް ފްލޮއިޑްގެ ބުރަކަށީގައި ކަކޫ ޖަހައިގެން ހުރި އިރު ތޯމަސް ހުރީ ފްލޮއިޑްގެ ފައިގައި ހިފަހައްޓައިގެންނެވެ. މި އަަމަލު ހިންގިއިރު ތައޯ ވަނީ ކައިރީގައި ތިބި މީހުން ކައިރިވިޔަ ނުދީ ހުއްޓުވާފަ އެވެ.

ފްލޮއިޑް މަރާލުމުގައި އަމަލީ ގޮތުން ބައިވެރި ވުމުގެ އިތުރުން ސިއްހީ ހިދުމަތުގެ އަސާސީ ހައްގުވެސް ފްލޮއިޑްއަށް ލިބިދިނުމުގައި ލަސްކޮށް އިންސާނީ ހައްގުތަކަށް އަރައިގަނެފައިވާ ކަމުގެ ދައުވާ ވެސް މި ތިން ފުލުހުންގެ މައްޗަށް އުފުލާފައިވެ އެވެ.

އަވަސް ނިޔާގެ ގޮތުގައި ކުރިއަށްދާ މި ޝަރީއަތް ކުރިއަށް ގެންދަނީ އެމެރިކާގެ ހައިކޯޓުގެ 18 ގާޒީންގެ ޕެނަލް އަކުންނެވެ. މިއަދުގެ ޝަރީއަތުގައި ދެފަރާތުގެ ފުރަތަމަ ބަޔާން އިއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އިތުރުން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރި ވުމުގެ ދައުވާ ވެސް މި ތިން މީހުންގެ މައްޗަށް ވަނީ އުފުލާފަ އެވެ.

ޖޯޖް ފްލޮއިޑްގެ މަރާއެކު ކަޅު ނަސްލަށް ކުރެވޭ ތަފާތު ކުރުންތަކާ ދެކޮޅަށް މުޅި ދުނިޔޭގައި ވެސް ގިނަ އެއްވުންތައް ބާއްވައި އަޑު އުފުލި އެވެ. -- އަލް އަރަބިއްޔާ