ވޮޝިންޓަން (25 ޖެނުއަރީ) - ރަޝިއާގެ އަސްކަރީ ހަމަލާއެއް ޔޫކްރެއިންއަށް ކުރިމަތިވެއްޖެ ހާލަތެއްގައި އެގައުމަށް އަސްކަރީ އެހީ ފޯރުކޮށްދިނުމަށް 8،500 އަށްވުރެ ގިނަ އެމެރިކާ ސިފައިން އެލާޓަށް ގެނެސްފި އެވެ.

ޕެންޓެގަންގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވީ ރައީސް ބައިޑަންގެ އަމުރުފުޅުގެ ދަށުން ސެކެޓްރަރީ އޮފް ޑިފެންސް ލޮއިޑް އޮސްޓިން ވަނީ ސިފައިން ފޮނުވުމުގެ އޯޑަރެއް ނެރެފައި ކަމަށެވެ.

މިއީ ރަޝިއާއިން ޔޫކްރެއިން ދޭނެ ކަމަށް ބެލެވޭ އަސްކަރީ ހަމަލާއަށް ތައްޔާރުވެ ތިބުމުގެ ގޮތުން އެމެރިކާއިން އެޅި އެންމެ ފަހުގެ ފިޔަވަޅެވެ.

ކިރްބީ އިތުރަށް ވިދާޅުވީ އެލާޓަށް ގެނެވިފައިވާ ސިފައިންނަކީ ބޭނުން ޖެހިއްޖެ ވަގުތެއްގައި ނޭޓޯގެ އެހީތެރިކަން ޔޫކްރެއިންއަށް ވީ އެންމެ އަވަހަކަށް ފޯރު ކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

މި ސިފައިން ޔޫކްރެއިންއާއި ރަޝިއާ ގުޅޭ ބޯޑަރު ކައިރިއަށް ފޮނުވުގެ އަމުރެއް އަދި ލިބިފައި ނެތް ނަމަވެސް އެފަދަ އަމުރެއް އަންނަހާ އަވަހަކަށް ސިފައިން ފޮނުވޭނެ ކަމަށް ވެސް ކިރްބީ ވިދާޅުވި އެވެ.

"ނޭޓޯގެ މެމްބަރު ގައުމުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެމެރިކާއިން މިވަނީ ތައްޔާރު ވެފައި. ނޭޓޯގެ ހުރިހާ ގައުމުތަކަކުން 40،000 އަށްވުރެ ގިނަ ސިފައިން ތިބީ ތައްޔާރީ ހާލަތުގައި،" ކިރްބީ ވިދާޅުވި އެވެ.

ޔޫކްރެއިންއާއި ރަޝިއާގެ މަޝްރަހް އިންތިހާއަށް ހޫނުވެފައިވާ ދަނޑިވަޅެއްގައި ރަޝިއާއިން ޔޫކްރެއިން ހިފަން އަސްކަރީ ހަމަލާއެއް ދީފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

މި މައްސަލާގައި ނޭޓޯއާއި ރަޝިއާއާ ދެމެދު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި އެއްވެސް ކުރިއެރުމެއް ނުލިބި މަޝްރަހު އިތުރަށް ގޯސްވެފައިވާ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. -- ސީއެންއެން