ގުޅީފަޅު ތަރައްގީ ޕްލޭނާ ގުޅޭ ގޮތުން ސަރުކާރާއެކު މަޝްވަރާ ކުރަން އެދުން ނަމަވެސް އެކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެދުނަސް އެކަމަށް ހައްލެއް ނުލިބޭތީ ސަރުކާރާ ދެކޮޅަށް ކޯޓަށް ދިޔުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ގުޅީފަޅު މައްސަލާގައި ސަރުކާރާ ދެކޮޅަށް މާލެ ސިޓީ ކައުންސިލުން ކޯޓަށް މައްސަލަ ހުށަހެޅުމަށް ނިންމީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 37 ވަނަ ރަސްމީ އާއްމު ޖަލްސާގަ އެވެ.

ގުޅީފަޅުން މާލޭގެ ރައްޔިތުންނަށް ގެދޮރު ދިނުމަށް މާލޭ ސިޓީ ކައުންސިލުން ސަރުކާރުގައި ވަނީ އެދިފަ އެވެ. އަދި މިކަމާއި ގުޅިގެން މަޝްވަރާ ކުރުމަށް މޭޔަރު މުއިއްޒު ރައީސް ސޯލިހަށް ވަނީ ސިޓީއެއް ފޮނުއްވާފަ އެވެ.

މިއަދު ސިޓީ ކައުންސިލުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގުޅިފަޅާމެދު ސަރުކާރުން ގެންގުޅޭ ސިތާސަތަށް މާލޭ ސިޓީކައުންސިލުން ތާއީދު ނުކުރައްވާ ކަމަށެވެ. މިކަމަށް ހައްލެއް ހޯދުމަށް ތަކުރާރުކޮށް ސަރުކާރު ކިބައި އެދުނު ނަމަވެސް އެކަމަށް ކުރިއެރުންތަކެއް ލިބިފައިނުވާ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވާގޮތުގައި އެ ކައުންސިލުން ބޭނުންވަނީ ގުޅިފަޅަކީ ގެދޮރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ތަރައްގީ ކުރުމަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ ގުޅިފަޅުގައި ޕޯޓު ގާއިމް ކުރަން ނިންމައި، ގުޅިފަޅާއި ތިލަފުއްޓާއި ވިލިމާލޭގެ އިތުރުން މާލެ، ބުރިޖަކުން ގުޅައިލުމަށް ނިންމައިފަ އެވެ.

ގުޅިފަޅު މައްސަލައިގައި މަޝްވަރާތަކުން ހައްލެއް ނުލިބިއްޖެނަމަ މާލޭ ސިޓީ ކައުންސިލުން ކޯޓަށް ވެސް ދާނެ ކަމަށް މޭޔަރު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.