މާލޭ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނަށްޓަކައި ކުރުމަށް އެދޭ ކަންކަމުގެ ތެރެއިން، މާލެއާ ވިލިމާލޭގައި އެޅުމަށް އެ ކައުންސިލުން ރާވާފައިވާ ފްލެޓްތައް އެޅޭނީ ސަރުކާރުން ހުއްދަ ލިބިގެން ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގެދޮރުގެ މައްސަލަކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ، އެކި ޕްލޭންތައް ހަދައިގެން ސިޓީ ކައުންސިލުން އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެގޮތުގެ މަތިން މާލެ ރައްޔިތުންނާއެކު ކުރެވުނު އެންމެ ބޮޑު އެއް މަސައްކަތަކީ، ލޭންޑް ޔޫޒް ޕްލޭނުގައި މާލެއާ ވިލިމާލޭގައި ފްލެޓް އެޅުމަށް އެ ބިންތައް ފާހަގަކުރުން ކަމަށް މޭޔަރު ވަނީ ވިދާޅުވެފަ އެވެ.

މޭޔަރު ވިދާޅުވީ، ސެޕްގައި ވިލިމާލޭގައި 500 ހައުސިން ޔުނިޓް، އަދި މާލޭގައި 2،000 ހައުސިން ޔުނިޓް އެޅުމަށް ހިމަނާފައި ވާނެ ކަމަށެވެ. އަދި އެ ޕްލޭން ހަދައި ރަސްމީކޮށް ސަރުކާރަށް ހުށަހަޅާފައިވާތާ މަހެއްހައި ދުވަސް ފާއިތުވެ ގޮސްފައިވާ ކަމަށާއި، އެ ކަމަކަށް މިހާތަނަށް ސަރުކާރުގެ ހުއްދަ ލިބިފައިނުވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ސެޕްގައި ހިމެނޭ ވިލިމާލޭގައި 500 ހައުސިން ޔުނިޓު، މާލޭގައި 2،000 ހައުސިން ޔުނިޓު އެޅުމަށް. އެ ޕްލޭން ހަދާފައި އަޅުގަނޑުމެން ވާނީ ރަސްމީކޮށް ހުށަހަޅާފައި ސަރުކާރަށް. ސަރުކާރުން ހުއްދަ ލިބިގެން ފްލެޓުތައް އެޅޭނީ،" މޭޔަރު މުއިއްޒު ވިދާޅުވި އެވެ.

އެ ކައުންސިލުން ކުރުމަށް އެދޭ ކަންކަމަކީ ސަރުކާރަށް ގެއްލުންވާނެ ކަންކަމެއް ނޫންކަން ފާހަގަކޮށް މޭޔަރު ވިދާޅުވީ، އެކަމަށް ހުއްދަދީގެން ސަރުކާރަށާއި، މާލޭގެ ރައްޔިތުންނަށް ލިބެން އޮތީ ފައިދާ ކަމަށެވެ. އަދި އެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށް އަދިވެސް އުންމީދު ކުރައްވާ ކަމަށް މޭޔަރު މުއިއްޒު ވިދާޅުވި އެވެ.