ހުޅުމާލެ ޑްރައިވިން ޓެސްޓް ހަދާ ސަރަހައްދުގެ ބޮޑު ބައެއް މާލެ ސިޓީ ކައުންސިލުން ނިންމާލައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ސިޓީ ކައުންސިލުން މި މަސައްކަތް ނިންމުމަށް ހޭދަކޮށްފައި ވަނީ ގާތްގަނޑަކަށް ދެ މަސްދުވަހެވެ.

މާލޭގައި މީގެ ކުރިން ޑްރައިވިން ޓެސްޓު ހަދަމުންދިޔަ އިންޑަސްޓްރިއަލް ސަރަހައްދު، ބްރިޖްގެ މަޝްރޫއުގެ މަސައްކަތް ކުރުމަށްޓަކައި ބަންދުކޮށްފައިވާއިރު، އެކަމުގެ ސަބަބުން ޑްރައިވިން ޓެސްޓު ހަދަމުންދާ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެހެންނަމަވެސް ސިޓީ ކައުންސިލުން ހުޅުމާލެ ޑްރައިވިން ޓެސްޓުހަދާ ސަރަހައްދުގެ މަސައްކަތް ނިންމުމާއި އެކު އިއްޔެ ވަނީ ޓެސްޓު ހަދަށް އާންމުންނަށް އެތަން ހުޅުވާލާފަ އެވެ.

އޭގެ އިތުރުން ދެން ހުރީ، އެތަނުގައި ދެ ފާހާނާ އަކާއި ވެއިޓިން އޭރިއާއެއް ގާއިމް ކުރުމުގެ މަސައްކަތް އެކަނިކަމަށް އެކައުންސިލުން ވަނީ ބުނެފަ އެވެ.