ރަޝިއާގެ ރައީސް ކަމާއި ބޮޑުވަޒީރު ކަން 20 އަހަރު ވަންދެން މެދުކެނޑުމެއް ނެތި ކުރައްވަމުން ގެންދަވާ ވްލަޑްމިއާ ޕޫޓިން އަންނަ އަހަރު އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޭރުގެ ބައެއް މީޑިއާތަކުން ބުނާގޮތުން ރަޝިއާގެ އެންމެ ނުފޫޒު ގަދަ ބޭފުޅާ، ޕޫޓިން އަންނަ އަހަރު ކުރީކޮޅު އިސްތިއުފާ ދެއްވަނީ ޕާކިންސަން ބަލީގެ އަލާމާތްތައް އޭނާގެ ހަށިކޮޅުން ފެންނަން ފެށުމުންނެވެ. ޕޫޓިން އިސްތިއުފާ ދެއްވަން އޭނާގެ ދަރިކަނބަލުން އެދިވަޑައިގަންނަވާތާ ދުވަސްތަކެއް ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެތެރޭގެ މަސްދަރުތަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން އެގޮތަށް ރިޕޯޓް ކުރިޔަސް، ރަޝިއާ ސަރުކާރުން އެކަން ދޮގު ކުރެ އެވެ.

އެކަމަކު ކުރީގެ ރައީސުންނަށް ޚާއްސަ ރައްކާތެރިކަމާއި އިމްތިޔާޒް ލިބޭ ގޮތަށް ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއަށް ދާދިފަހުން ހުށަހެޅި ބިލަކީ ޕޫޓިން އިސްތިއުފާ ދެއްވާތީ އޭގެ ކުރިއަށް އޭނާއަށް ހިމާޔަތް ދޭން ތައްޔާރުކުރި ބިލެއް ކަމަށް އޮތީ ބެލެވިފަ އެވެ. ރަޝިއާ ސަރުކާރުން ހުށަހެޅި އެ ބިލްގައިވާ ގޮތުން ކުރީގެ ރައީސުންގެ މައްޗަށް އެއްވެސް ބާވަތެއްގެ ދައުވާއެއް ކުރުން މަނާވާނެ އެވެ. އެ ބިލް ފާސްވާނީ މަޖިލީހުގެ މަތިގެއިން ފާސްވެގެންނެވެ.

ރަޝިއާގެ ރައީސް ކަމަށް 2000 ވަނަ އަހަރު ވަޑައިގަތް ޕޫޓިން ދެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު، ޕޫޓިންގެ އެންމެ އަރިސް އަދި ގާތް ސިޔާސީ އެކުވެރިޔާ ކަމަށްވާ ދިމިތްރީ މެޑްވެޑޭވް ރައީސް ކަމަށް އިންތިޚާބު ކުރެއްވުމަށް ފަހު 2008 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ހަމައަށް ޕޫޓިން ހުންނެވީ މަގާމުގެ ބާރުތައް ބަދަލު ކުރައްވައިގެން ބޮޑުވަޒީރުގެ މަގާމުގަ އެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން ޕޫޓިން އަނެއްކާވެސް ހުންނެވީ ރައީސް ކަމުގަ އެވެ. އޭނާގެ ދެވަނަ ދައުރު ހަމަވާނީ 2024 ވަނަ އަހަރު އެވެ. ރަޝިއާގެ ގާނޫނު އަސާސީ ބުނާގޮތުން ރައީސުންނަށް މަނާ ވަނީ ޖެހިޖެހިގެން ދެ ދައުރަށް ވުރެ އިތުރަށް ރައީސް ކަން ކުރުމެވެ. މެދުކެނޑުމަކަށް ފަހު އިތުރު ދެ ދައުރު އަދާކުރަން ހުރަހެއް ނޯވެ އެވެ.