އެވްރެޖް ފާހާނާއަކަށް ވުރެ އަންހެނެއްގެ އަތްދަބަހުގައި ޖަރާސީމު ހުންނަ މިންވަރު އިތުރު ކަމަށް މިފަހުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.
އިނގިރޭސިވިލާތުގެ އިނިޝިއަލް ވޮޝްރޫމް ހައިޖީންއިން ކުރި މި ދިރާސާއިން ދައްކާ ގޮތުގައި ކޮންމެ 5 ދަބަހަކުން 1 ދަބަހެއްގެ އަތްގަނޑަކީ ޖަރާސީމުގެ "ހާއްޔެކެވެ". މިގޮތުން ފާހާނާ ތަށްޓެއްގެ މަތިގަނޑަށްވުރެ އަތްދަބަހަށް އަޅާފައި ހުންނަ އަތް ދޮންނަ ކްރީމް ފުޅީގައި ބެކްޓީރިއާ ހުންނަ މިންވަރު ގިނަ އެވެ. އެހެން ނަމަވެސް ދަބަހަށް ލާ ލިޕްސްޓިކާއި މަސްކަރާގައި ހުންނަ ޖަރާސީމުގެ މިންވަރު ކްރީމް ފުޅިއަށް ވުރެ މަދު ކަމަށް މި ދިރާސާއިން ދައްކަ އެވެ.
މި ދިރާސާ ކުރި ފަރާތްތަކުން ހާމަކުރައްވާ ގޮތުގައި ލެދާ އަތް ދަބަސްތަކުގައި ޖަރާސީމު އަށަގަންނަ މިންވަރު އިތުރެވެ. އެހެނީ މަޑު ޓެކްސްޗާއަކީ ބެކްޓީރިއާ ހެދި ބޮޑުވެ، ފެތުރިގަތުމަށް ބޭނުންވާ މާއްދާތައް އޭގައި އެކުލެވޭ އެއްޗެކެވެ. އެހެންކަމުން އެންޓި ބެކްޓީރިއަލް ޖެލް ބޭނުންކޮށްގެން ގަވާއިދުން އަތް ދަބަސް ސާފުކުރުމަށް ތަޖުރިބާކާރުން އިރުޝާދު ދެއްވަ އެވެ.
އަތް ދަބަހަކީ ހަށިގަނޑާއި އެތަން މިތަނުގައި ޖެހޭ އެއްޗެއް ކަމަށާއި އެކި އެކި ޖަރާސީމުގެ ސަބަބުން ނުރައްކާތެރި ބަލިތައް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އިނިޝިއަލް ހައިޖީންގެ ޓެކްނިކަލް މެނޭޖަރު ޕީޓަރ ބަރާޓް ވިދާޅުވެފައިވެ އެވެ.
އަތްދަބަހަކީ އަންހެންވެރިންގެ ވެސް އަތްމަތީ އެއްޗެކެވެ. ބާޒާރު ކުރިޔަސް ނުވަތަ ފިނިބުރަށް ނުކުތަސް އަތްދަބަސް ވެފައި ވަނީ އަތުން ދޫކޮށް ނުލެވޭފަދަ އެއްޗަކަށެވެ. އެހެން ކަމުން އަތްދަބަސް ބޭނުންކުރާ ފަރާތްތަކުން އެތަކެތީގެ ސާފުތާހިރުކަމާމެދު ސަމާލުކަން ދިނުމަކީ މުހިއްމު ކަމެކެވެ.