ވިނަތަކަށް ލިބިފައިވާ ގެއްލުންތައް އަލުން ރަނގަޅު ކުރުމަށްފަހު ޖުމްހޫރީ މައިދާން ހުޅުވާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލުން ބުނީ މި ފާއިތުވި ތިން އަހަރު އެ ސަރަހައްދަށް އަޅާނުލައި އޮތުމުގެ ސަބަބުން ވިނަތައް ވަރަށް ބޮޑަށް ހަލާކުވެ މަރުފައިވާ ކަމަށެވެ. އަދި އެކަން ހައްލުކުރުމުގެ ގޮތުން ސިޓީ ކައުންސިލުން ގިނަ މަސައްކަތް ތަކެއް ކުރަމުން ގެންދާ ކަމަށް އެކައުންސިލުން ވަނީ ބުނެފަ އެވެ.
ޖުމްހޫރީ މައިދާނުގެ އާބާތުރަ ފިލުވައި އަލުން ހުޅުވާލުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި އެ ސަރަޙައްދުގައި އަލުން ވިނަތައް އިންދާފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.
ވިނަގަނޑު ރަނގަޅަށް ހެދެން ވަގުތު ބޭނުންވާތީ ވިނަގަނޑު ނުހެދެނީސް އެއްވެސް އެއްޗެއް ވިނަގަނޑު މަތީ ނުބެހެއްޓުމަށް ހޯމް މިނިސްޓްރީއަށް އެދުނު ނަމަވެސް އެމިނިސްޓްރީން އެފަދައިން އެކަން ކޮށްފައިނުވާ ކަމަށާއި، ވިނަގަނޑަށް ގެއްލުންވާނެހެން އަމަލުކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.
އެގޮތުން ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި ޖަލްސާ ބޭއްވިއިރު އެއްވެސް ބެލުމެއް ނެތި ވިނަ ގަނޑަށް ގެއްލުންވާނެ ހެން ޢަމަލު ކުރުމުގެ ސަބަބުން ވިނަގަނޑު ވަރަށް ބޮޑަށް ހަލާކުވެފައިވާކަން ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.
މިކަމާއި ގުޅިގެން މާލެ ސިޓީގެ މޭޔަރު މުޢިއްޒުވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. މުއިއްޒު ވިދާޅުވީ އެއްވެސް ބެލުމެއް ނެތި މިގޮތަށް އަމަލު ކޮށްފައި ވާތީ ހިތާމަ ކުރައްވާ ކަމަށެވެ.
ޖުމްހޫރީ މައިދާނަކީ މާލޭގެ މަލަމަތި ކަމަށާއި މިސަރަޙައްދު ރީތިކޮށް ބޭއްވުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ބުރަ މަސައްކަތް ކުރަމުންގެންދާކަން ފާހަގަކޮށް ސިޓީ ކައުންސިލުން ވަނީ ރައްޔިތުންނާއި ސަރުކާރުގެ ހުރިހާ މުޢައްސަސާތަކުން މިކަމަށް އެއްބާރުލުން ދިނުމަށް އެދިފަ އެވެ. އަދި ޖުމްހޫރީ މައިދާން ދެން ހުޅުވޭނީ ވިނަތަކަށް ލިބުނު ގެއްލުންތައް ރަނގަޅުވުމުންކަމަށް އެކައުންސިލުން ބުނެފައިވެ އެވެ.