ޝާހުރުކް ޚާންއަކީ ހިންދީ ސިނަމާތަކުގައި ރަސްކަން ކުރަމުން އަންނަ އެތައް ބައެއްގެ ރޯލް މޮޑެލްއެކެވެ.

ޝާހު އަޅާ ގޮތަށް ހެދުން އަޅާ މީހުންނާއި، އޭނާ ވާހަކަ ދައްކާގޮތަށް ވާހަކަ ދައްކައި ފަންނުވެރިކަން ދައްކާލާ މީހުން ވެސް މަދެއް ނޫނެވެ. އަދި ޝާހުގެ އާދަތަކާއި އޭނާ ލޯބިކުރާ ކަންކަމަކީ އޭނާގެ ފޭނުން އަބަދުމެ ބަލަން ބޭނުންވާ ކަންކަމެވެ.

އެގޮތުން ޝާހުގެ ފަރާތުން ފޭނުންނަށް އެންމެ ބޮޑު ހައިރާންކަމެއް ގެނުވި ކަންތައްތަކުގެ ތެރޭގައި ދުވާލެއްގެ މައްޗަށް ޝާހު ބޯ ކޮފީގެ އަދަދު ހިމެނެ އެވެ. އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ޝާހު ދުވާލެއްގެ މައްޗަށް ބޯ ކޮފީގެ އަދަދަކީ 30 ކަޅުކޮފީ ތައްޓެވެ.

ޝާހު ބުނާގޮތުން އޭނާ ދިރިއުޅެނީ ކޮފީގެ އެހީގައި އެވެ. އަދި ޝޫޓް ކުރާ ދުވަސްތަކުގައި މަސައްކަތަށް ފޯކަސް ކުރަން ކޮފީ، ވަރަށް ބޮޑަށް އެހީވެދޭ ކަމަށް ޝާހު ބުނެ އެވެ.

އިންޑިޔާގެ ނޫސްތަކުން ބުނާގޮތުގައި ޝާހު އޭނާގެ ނެސްޕްރެސޯ މެޝިން، ދާ ހުރިހާ ތަނަކަށް ވެސް ގެންދެ އެވެ. އަދި ހަނދާން ނެތިގެން މެޝިން ބާއްވާފައި ތަނަކަށް ދެވުނު ނަމަ، ކޮންމެ ގޮތެއް ހަދާފައި ވެސް އޭގެ މެޝިނެއް ގަނެވޭތޯ ބަލާކަމަށް ނޫސްތަކުން ބުނެފައިވެ އެވެ.