އެޕަލް ސައިޑާ ވިނެގާ އަކީ ކުރިން ވެސް އަދި މިހާރު ވެސް އެކި ބޭނުން ތަކަށް ބޭނުން ކުރެވެމުން އަންނަ އެއްޗެކެވެ. ނަމަވެސް އެއިން ލިބޭ ފައިދާއާ އެއްވަރަށް އޭގެ ސައިޑް އެފެކްޓްތައް ވެސް ގިނަ ކަމަށް ސިއްހީ މާހިރުން ބުނެ އެވެ. މި ލިޔުމުގައި މި ބަލާލަނީ އެޕަލް ސައިޑާ ވިނެގާ ބޭނުން ކުރާނަމަ ސަމާލުވާން ޖެހޭ ބައެއް ކަންކަމަށެވެ.

ކެއުމަށްފަހު ވަގުތުން ބޭނުން ނުކުރުން

ކެއުމަށްފަހު ވަގުތުން އެޕަލްސިޑާ ވިނެގާ ބޭނުން ކުރާމީހެއް ނަމަ މިކަން އަވަހަށް ހުއްޓާލުން ބުއްދިވެރި އެވެ. ސިއްޙީ މާހިރުން ބުނާ ގޮތުގައި އެޕަލްސިޑާ ވިނެގާ ބޯން އެންމެ ރަނގަޅު ވަގުތަކީ ހެނދުނު ހޭލައިގެން ހައިބަނޑާ ހުރެ އެވެ. އަދި ބޭނުން ކުރުމަށްފަހު 20 މިނެޓްފަހުން ނޫނީ އިތުރު އެއްވެސް އެއްޗެއް ކެއުމާއި ބުއިންވެސް ރަނގަޅުނޫންކަމަށެވެ.

ވަސް ނުބެލުން

އެޕަލް ސައިޑާ ވިނެގާ އަކީ މީރު ވަހެއް އެކުލެވޭ އެއްޗެއް ނޫނެވެ. ހިތަށާއި ކާއެއްޗިހިދާ ހޮޅިއަށް ފައިދާ ހުރި އެއްޗަކަށް އެޕަލް ސައިޑާ ވިނެގާ ވާއިރު އޭގައި ހުންނަ ނުބައި ވަސް ނޭވާ ހޮޅިއަށް ދިއުމަކީ އެހާ ރަނގަޅު ކަމެއް ނޫންކަމަށް ސިއްޙީ މާހިރުން ބުނެ އެވެ. ސަބަބެއް ކަމަށް ބުނަނީ އޭގައި ހުންނަ ވަހުން ފުއްޕާމެއަށް ގެއްލުން ލިބުމުގެ ފުރުސަތު އޮތުމެވެ.

ތަށީގައި ތުންޖަހައިގެން ނުބުއިން

އެޕަލް ސައިޑާ ވިނެގާއަކީ އެސިޑިކް އެއްޗެކެވެ. އެހެން ކަމުން ބިއްލޫރި ތައްޓަކަށް އެޅުމަށްފަހު ތުންޖަހައިގެން ބުއިން އެހާ ރަނގަޅެއް ނޫނެވެ. ސަބަބަކީ ވިނެގާގައި ހުންނަ އެސިޑަކުން ދަތާއި ހިރުގަނޑަށް ގެއްލުން ވުމެވެ. އެހެންކަމުން ވިނެގާ ބޯން އެންމެ ރަނގަޅީ ހޮޅިއެއް ބޭނުން ކޮށްގެންނެވެ. އަދި ވިނެގާ ބުއިމަށްފަހު 30 މިނެޓްވަންދެން ދަތް ނުއުގުޅާ މަޑުކުރުމަށްވެސް ސިއްޙީ މާހިރުން ލަފާދެ އެވެ.

ބޭނުން ކުރާ މިންވަރަށް ސަމާލުވުން

އެޕލް ސައިޑާ ވިނެގާ އެހާ ގިނައިން ބޭނުން ކުރުން ވެސް ރަނގަޅެއް ނޫނެވެ. އެއްވެސް އެއްޗެއް ބޭނުން ކުރަންޖެހޭ މިންވަރަށް ވުރެން ގިނައިން ބޭނުން ކުރުމަކީ ސިއްޙަތަށް ގެއްލުންވާނެ ކަމެކެވެ. އެހެންކަމުން އެންމެ ފުރަތަމަ ސަމްސަލެއްގެ ވިނެގާ ފެނަށް އަޅައިގެން ބޯލުމަށްފަހު ހަށިގަނޑަށް އެއްވެސް އުނދަގުލެއް ވޭތޯ ބެލުން ބުއްދިވެރި އެވެ. އެއްވެސް އުނދަގުލެއް ނުވާނަމަ އެންމެ ރަނގަޅީ ދެސަމްސަލުގެ ވިނެގާ ފެނަށް އެޅުމަށްފަހު ކޮންމެދުވަހަކު އެއްފަހަރު ބޭނުން ކުރުމެވެ.

ނިދުމުގެ ކުރިން ބޭނުން ނުކުރުން

އެޕަލްސިޑާ ވިނެގާ ނިދުމުގެ ކުރިން ބޭނުން ކުރުމުން އޭގައި ހުންނަ އެސިޑްގެ އަސަރު ނޭވާ ހޮޅިއަށް ކުރުން ގާތެވެ. މިއީ ފުރާނައަށް ނުރައްކާ ވެދާނެ ކަމެކެވެ. ދުވާލުގަޑީގައި ބޭނުން ކުރުމަށްފަހުވެސް 30 މިނެޓްވަންދެން ތަނެއްގައި އިށީނދެ އިނުން ރަނގަޅެވެ.