ދަރިން ސިއްޙަތު ރަނގަޅު ކާނާ ނުކާ ވާހަކައަކީ މައިންބަފައިން އަބަދުވެސް ކުރާ ޝަކުވާ އެކެވެ. ގިނަ ފަހަރަށް މޭވާ އާއި ތަރުކާރީ ނުކާ ވާހަކަ އެވެ. އެހެންނަމަވެސް އެކަމަށް ހައްލެއް އެބަ އޮތެވެ. މައިންބަފައިން ބަދިގޭގައި އުޅޭއިރު އެކުދިން ގޮވައިގެން އުޅެންވީ އެވެ.

ހަޤީގަތަކީ ދަރިފުޅު ގޮވައިގެން ބަދިގޭގެ މަސައްކަތުގައި އުޅުމަކީ ކުރާ މަސައްކަތް އެތައް ގުނައެއް އިތުރު ވެގެން ގޮސްދާނެ ކަމެއް ކަމެވެ. ސާފުކުރަންޖެހޭ ތަންތަން ގިނަވާނެ އެވެ. އެހެން ނަމަވެސް ކެތްތެރިކަން އިސްކުރުން މުހިއްމެވެ. މިކަމުގެ ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެގޮތަށް ހޭދަވާ މަދު ވަގުތުކޮޅަކީ އެހާމެ ގިނަ ގުނަ ފައިދާތަކެއް ލިބިގެންދާނެ ވަގުތެކެވެ.

ކެއްކުމަކީ ގިނަ މީހުން އެހާ އަހައްމިއްޔަތުކަން ދޭ ކަމެއް ނޫނެވެ. އެހެންނަމަވެސް ކެއްކުމުގެ ހުނަރު ލިބިފައިވާ ކުދިން ދުޅަހެޔޮ ކެއުންތައް ތައްޔާރުކުރުމުގައި ކުޅަދާނަކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. މީގެ އިތުރުން އެކުގައި ކައްކަން އުޅޭނަމަ އާއިލީ ގުޅުން ބަދަހިވެގެންދާ ކަމަށް މި ދިރާސާގައި ބުނެފައިވެ އެވެ.

ދާދި ފަހުން ޕަބްލިކް ހެލްތް ނިއުޓްރިޝަން އިން ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުން އަމިއްލައަށް ކައްކަން އެނގޭކުދިން މޭވާ އާއި ތަރުކާރީ ކައެވެ. އެގޮތުން ކައްކަން ނޭނގޭ ކުދިންނަށްވުރެ 10 ޕަސެންޓް އިތުރަށް ކައްކާ ކުދިން ފައިދާ ހުރި ކާނާ ކައެވެ. މިކަމުން އެނގިގެން ދަނީ ކާނާގެ ތެރޭގައި އުޅޭ ކުދިންނަށް ރަނގަޅު ކާނާ އިޙްތިޔާރު ކުރަން އެނގޭ ކަމެވެ.

ދަރިފުޅާއި އެކު ބަދިގޭގައި ހޭދަކުރާ ވަގުތަކީ ނޭނގި ނަމަވެސް އެދަރިފުޅަށް ނަގައިދެވޭ ވަރަށް އަގު ހުރި ފިލާވަޅެކެވެ. އެގޮތުން ބަދިގޭގައި އެހެން މީހުން ކުރާ ކަންތައްތައް ވަރަށް އަވަހަށް ކުޑަކުދިން ދަސްކުރެ އެވެ. އެއިގެ ސަބަބުން އެމީހުންގެ އަމިއްލަ ޤާބިލުކަން އިތުރުވެގެންދެ އެވެ. އަދި ކަންކަން ކުރުމަށް ފަސްނުޖެހުން ކުޑަވެ އެވެ.

ދެން ސުވާލު އުފެދިގެން ދަނީ ދަރިފުޅަށް ކައްކަން ދަސްކޮށްދޭން ފަށަންވީ ކޮން އުމުރަކުން ކަމާއިމެދުގައެވެ. ވަރަށް ގިނަ ކުދިން އެކުދިންގެ އުމުރުން 03 އަހަރުން ފެށިގެން ކަންކަމަށް ޝައުޤުވެރިކަން ފާޅުކުރަން ފަށަ އެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ވީހާވެސް ކުޑައިރު އެކަން ކުރުމަށް ދަސްކޮށް ދިނުމެވެ.

ތުއްތު އިރު އެކުދިންނަށް ކެއުމުގެ މުހިއްމުކަމާއި، ފައިދާ ހުރި ކާނާގެ ވާހަކަ ކިޔައިދެވޭނަމަ އެކަންކަމާއި މެދު އެކުދިންވެސް ވިސްނާނެ އެވެ. އަދި ސިއްޙީ ރަނގަޅު ކާނާ ކެއުމަށް އާދަކުރާނެ އެވެ.