ނޭފަތުގައި ނަގާ ބިއްސަކީ އާންމުކޮށް އޭގެ ސައިޒުން ބޮޑު ބިހި ތަކެކެވެ. އެބިހިތަކުގައި ރިއްސާނެ އެވެ. ރިއްސަން ފެށުމުން އެންމެ އަވަހަށް ކުރެވޭ ކަމަކީ ފިއްތައިލުމެވެ. ބޭނުމަކީ އަވަހަށް ރަނގަޅު ކުރުމެވެ. އެހެންނަމަވެސް އެގޮތަށް ފިއްތާލުމުން ދެން ލަނީ ލަކުނެވެ.

ނޭފަތުގައި ބިއްސެއް ނެގުމުން މީހުންގެ ލޮލުގައި އަޅައިފާނެތީ ލަދުން އުޅޭމީހުން މަދެއް ނޫނެވެ. ތިރީގައި މިވަނީ ނޭފަތުގައި ނަގާ ބޮޑެތި ބިހިތައް ނައްތާލެވޭނެ ބައެއް ގޮތްތަކެވެ.

ލުނބޯ

ލުނބޯ ހުތުން ކަފަކޮޅެއް ތެންމާލާށެވެ. އެއަށްފަހު 15 މިނެޓް ވަންދެން ނޭފަތް މަތީ ބައްވާލާށެވެ. 15 މިނެޓް ހަމަވުމުން ކަފަކޮޅު ނަގައި ތާފަނާ ފެންފޮދަކުން ނޭފަތް ދޮވެލާށެވެ. ކޮންމެ ދުވަހަކު ދެފަހަރު މިފަރުވާ ދިނުން ރަނގަޅެވެ. ލުނބޮއަކީ ވަރަށް ގިނައިން އެސިޑް އެކުލެވޭ އެއްޗެކެވެ. އެހެންކަމުން ބިހި މަރުވެ އަވަހަށް ނެތިގެންދެ އެވެ. މިގޮތަށް ލުނބޯ ހޭކުމަށްފަހު ނުދޮވެ އަތްވަށް ނިކުތުން ރަނގަޅެއް ނުވާނެ އެވެ.

އައިސް ކިއުބް

އައިސް ކިއުބްކޮޅެއް ފޮތިކޮޅަކަށްލައި އޮޅައިލާށެވެ. އެއަށްފަހު، ނޭފަތުގައި ނަގާފައިވާ ބިހިތަކުގައި އެއިން ފިއްތާލާށެވެ. މިގޮތަށް ހުންނާނީ 20 މިނެޓް ވަންދެންނެވެ. ބިހި ރަނގަޅު ވަންދެން މިގޮތަށް ކޮންމެދުވަހަކު ދެފަހަރު ނުވަތަ ތިންފަހަރު ތަކުރާރުކޮށްލާށެވެ. އައިސް ކިއުބް އެޅުމުން ދުޅަތިރިވެ އިންފެކްޓްވުން ކުޑަކޮށްދޭނެ އެވެ.

އެޕަލް ސައިޑާ ވިނެގާ

ނޭފަތުގައި ނަގައިފައިވާ ބިހީގައި އެޕަލް ސައިޑާ ވިނެގާ އުނގުޅާލާށެވެ. އެއަށްފަހު ހިކެންދެން ބަހައްޓާށެވެ. އެޕަލް ސިޑަރ ވިނެގާ ހޭކުމުން ބިހިތައް ރަނގަޅުވެ ހަމުގެ ޕީއެޗް ބެލެންސް ކޮށްދޭނެ އެވެ.

ދަތް އުނގުޅާ ބޭސް

ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިން، ދަތްއުނގުޅާބޭސް ބިހީގައި ހާކައިލާށެވެ. އަނެއްދުވަހު ހެނދުނު ތެދުވެ ދޮވެލާށެވެ. ބިހި އެއްކޮށް ރަނގަޅުވަންދެން މިގޮތަށް ތަކުރާރުކޮށްލުން ރަނގަޅެވެ. ދަތްއުނގުޅާ ބޭހުގައި ހުންނަ އެންޓި މައިކްރޯބިއަލް އަދި އެސެންޝިއަލް އޮއިލްގެ ސަބަބުން ބިހި ކުޑަވެ އަވަހަށް ރަނގަޅުވެ އެވެ. މިގޮތަށް ބޭނުން ކޮށްލަން އެންމެ ރަނގަޅީ ޖެލް ގޮތަށް ހުންނަ ބޭހަށްވުރެ ހުދު ކުލައިގެ ބޭހެވެ.