އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރުކަމުގެ މަގާމުގައި ހުންނެވި އަލީ އާޒިމްގެ މަގާމުގެ މުއްދަތު ހަމަވިތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާތީ އެޕާޓީގެ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. އާޒިމްގެ މަގާމުގެ މުއްދަތި ޖެނުއަރީމަހުގެ 2 ވަނަ ދުވަހަށް ހަމަވެގެން ގޮސްފައިވާއިރުވެސް އެމަގާމަށް އާ ބޭފުޅަކު އައްޔަން ކޮށްފައި ނުވާތީ އެކަމާ ގުޅިގެން ޕާލިމެންޓްރީ ގުރޫޕުގެ ބައެއް މެމްބަރުން ކަންބޮޑުވުންވަނީ ހިއްސާ ކޮށްފަ އެވެ.

ޕީޖީ ގުރޫޕުގެ މެމްބަރަކު ވިދާޅުވި ގޮތުގައި، މިހާރު އެ މަގާމުގައި ހުންނެވި އަލީ އާޒިމްގެ މަގާމުގެ މުއްދަތު ހަމަ ވެފައިވާތީ، އަދި ވަގުތީ ގޮތުންވެސް އެމަގާމަށް މެމްބަރަކު އައްޔަން ކޮށްފައި ނުވާތީ މިހާރު ޕީޖީ ގުރޫޕުގައި ސައްޙަ ޕީޖީ ލީޑަރަކު ނުހުންނާނެ ކަމުގަ އެވެ.

ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގައި ބޮޑެތި ޚިޔާލުތަފާތުވުން އުފެދި، ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުންނާއި އަދި ރައީސް ސާލިހަށް ތާއީދުކުރާ މެމްބަރުންގެ މެދުގައި އެ ގުރޫޕުވަނީ ދެ ފެކްޝަނަކަށް ބެހިގެން ގޮސްފައި ކަމަށްވެސް މެމްބަރު ވިދާޅުވި އެވެ. މީގެ އިތުރުން ފާއިތިވެދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭނުގައި، ޕާ؛ިމެންޓްރީ ގުރޫޕުގައި، ރައީސް ނަޝީދަށް ތާއީދުކުރާ ބައެއް މެމްބަރުންގެ އެއްވެސް ވަރެއްގެ ބައިވެރިވުމެއް ފެނިގެން ގޮސްފައި ނުވާކަންވެސް އެ މެމްބަރު ފާހަގަކުރެއްވި އެވެ.